22 Apr 2012, 09:25
ޕެރިސް (މާޗް 22): ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
މިއިންތިޚާބުގެ ފުރަތަމަ ބުރުގައި 10 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އޭގެތެރެއިން އެންމެ ކުރީގައި އުޅުއްވާކަން ޚިޔާލުހޯދުމުގެ ސަރވޭތަކުން ދައްކަނީ މިހާރުގެ ރައީސް ނިކޮލައި ސަރކޯޒީ އާއި އިދިކޮޅު ސޯސަލިސްޓް ލީޑަރު ފްރާންސްވާ ހޮލާންޑް އެވެ. ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ރައީސް ނިކޮލައި ސަރކޯޒީގެ މައްޗަށް ސޯސަލިސްޓް ލީޑަރު ހޮލާންޑް ކާމިޔާބު ހޯއްދަވާނެކަން ޚިޔާލުހޯދުމުގެ އެންމެ ފަހުގެ ސާވޭން ހާމަވެފައިވެ އެވެ. ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް 50 ޕަސެންޓް ވޯޓާ ގާތަށް ވެސް ވޯޓު ނުލިބޭނެކަން ވަނީ ހާމަވެފަ އެވެ.
ފަރަންސޭސި ރިޔާސީ އިންތިޚާބުގައި 45 މިލިޔަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެ އެވެ. މިއިންތިޚާބުގެ ދެވަނަބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 6 ގަ އެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގައި މިފަހަރު ކެމްޕޭންކުރެއްވި ގިނަ ބޭފުޅުން ޤައުމަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލަތަކަށް ސަމާލުކަން ދެއްވާފައިނުވާ ކަމަށް ޢާންމުން ދެކެ އެވެ. އެހެންކަމުން މިއިންތިޚާބާ މެދު ރައްޔިތުންގެ ގިނަ ބަޔަކުތިބީ ހިތްހަމަޖެހިގެންނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އިޖްތިމާޢީ އަދި ނަސްލީ ދެކޮޅުވެރިކަމާއި މުއްސަނދިންނާއި ފަގީރުންގެ ތަފާތުކަމާއި މުހާޖިރުންނާއި އަސްލު ވަޒަންވެރިންނާ ދެމެދުގައިވާ މައްސަލަތަކާއި ވަޒީފާ ނެތުމުގެ މައްސަލަ އާއި އިޤްތިސާދީ ދަތިތަކުގެ މައްސަލަ އާއި އާބާދީ މުސްކުޅިވަމުންދާ މައްސަލަ ހިމެނެ އެވެ.
އެ މައްސަލަތަކަށް މިފަހަރުގެ ކެމްޕޭންގައި އެކަށީގެންވާ ސަމާލުކަން އައިސްފައިނުވާ ކަމަށް ބައެއްފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ)