05 Apr 2023, 10:23
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައި މުހިންމު ގިނަ މަސައްކަތްތަކެއް އިސް ސަފުގައި ކުރި އާއްމު މެމްބަރުންތަކެއް، ކ. މާފުށިން އިދިކޮޅު މައި ޕާޓީ ޕީޕީއެމާ ރޭ ގުޅިއްޖެއެވެ.
މި މެމްބަރުން ޕާޓީއާ ގުޅި، ސޮއިކުރި ފޯމު ހަވާލުކޮށްފައިވަނީ މިވަގުތު ޕީޕީއެމް ޕީއެންސީ ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއެވެ. ފޯމުތައް ހަވާލުކޮށްފައިވަނީ އެ ކަމަށް ޚާއްސަކޮށް މާފުށީގައި ރޭ އޮތް ހަފްލާއެއްގައެވެ.

އެންމެ ފުރަތަމަ މާފުށީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ރޭގެ ހަފްލާގައި ޕީޕީއެމާ ގުޅިފައިވަނީ:
އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ އަލީ ރަމީޒް
- އެންމެ ފުރަތަމަ މާފުށީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ނަޝީދު
- އަހްމަދު ޚަލީލް
- މައިމޫނާ އަލީ
- މުހައްމަދު ވަދީއު
މި މެމްބަރުންނަކީ ވެސް ފެށުނީއްސުރެ އެމްޑީޕީގެ ތެރޭ މަސައްކަތް ކުރި އާންމު މެމްބަރުންނެވެ.

ކުރިން އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ އަލީ ރަމީޒް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މި ހަފްލާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޕާޓީއަށް މެމްބަރުން ގުޅުނީ މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ.
"ހަމައެއާއެކު މިރޭ އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތު ގަބޫލުނުކުރެވިގެން އަދި ރާއްޖޭގެ މުސްތަގުބަލް ގުޅިފައި އޮތީ ޕީޕީއެމްގެ ފިކުރާއި ރައީސް ޔާމީނާކަން ގަބޫލުފުޅުކުރެވިގެން އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަންފުޅުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރުގެ ހާލަތާއެކު ޕީޕީއެމުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ޕީއެންސީ ހިންގެވުމަށް އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
އަދި އަލަށް ގުޅުނު މެމްބަރުންނާއެކު އެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު ޔަގީންކުރާ ހިތް އޮތީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނާ އެކީގައި މިއަދު އަޅުގަނޑުމެން ކުރަމުން މި ގެންދާ މަސައްކަތް، އާދެ ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް،" އޭނާ ވިދާޅުވިއެވެ.
އެ މެމްބަރުން އެމްޑީޕީގައި ކުރި މަސައްކަތަށް ވުރެ މާ ވަރުގަދަކޮށް މަސައްކަތްކޮށް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އަލަށް ގުޅުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ ރަމީޒް ވިދާޅުވީ އޭނާ އެމްޑީޕީގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު ޕީޕީއެމަށް ބަދަލުވާން ނިންމި ނިންމުމަކީ ބޮޑު ނިންމުމެއް ކަމަށެވެ.
"އޭގެ ސަބަބުތަކުގެ ތެރޭގައި ޔާމީނަށް ލިބެމުންދާ އަނިޔާތަކުން ޔާމީން ސަލާމަތްކުރުމަށާއި އަދި މި ދާއިރާގެ ރިޒާ (ކުރީގެ މެމްބަރު އިބްރާހީމް ރިޒާ)، އަޅުގަނޑުގެ ވަރަށް ގާތް ވަރަށް އަރިސް ބޭފުޅެއް، ރިޒާ ނެތިދިއުމުން ޕީޕީއެމަށް ލިބުނު ގެއްލުން ކޮންމެވެސް މިންވަރެއް ފޫބެއްދޭނެކަމުގެ އުންމީދުގައި ވަރަށް ބޮޑު އުންމީދުތަކެއް އޮތީމާ އަޅުގަނޑު ޕީޕީއެމާ މި ގުޅުނީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ހަފްލާގައި ގުރައިދޫ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމް ކެނޑީޑޭޓް ހުސައިން ރިޒާ ވެސް ވާހަކަދެއްކެވިއެވެ.

ގުރައިދޫ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމް ކެނޑީޑޭޓް ހުސައިން ރިޒާ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
އޭނާގެ ވާހަކައިގައިވަނީ އަލަށް ގުޅުނު މެމްބަރުންނަކީ އެ ދާއިރާއަށް މުހިންމު ބައެއްކަމަށް ވިދާޅުވިއެވެ. އަދި އެ މެމްބަރުން ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.
"އެހެންވީމާ މި މަތިވެރި ލަޝްކަރަށް، މި ހިތްވަރުގަދަ ޖޯޝުން ފުރިގެންވާ ޓީމަށް އަޅުގަނޑު ބައި އިލެކްޝަންގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް އިޚްލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން،" ރިޒާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލަށް ގުޅުނު މެމްބަރަކީ ކުރީގެ މެމްބަރު ރިޒާގެ ތަސައްވުރު ގަބޫލުކުރާ ވަފާތެރި މެމްބަރުންތަކެއް ކަމަށެވެ.
އަދި އޭނާގެ ބޭނުމަކީ ކުރީގެ މެމްބަރު ރިޒާގެ ތަސައްވުރު ދެމެހެއްޓުންކަމަށް ވެސް ވިދާޅުވިއެވެ.