ދުނިޔޭގައި އުފުދެނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނަލްޑޯގެ ދެ ގޯލާއެކު އަލް ނަސްރުން އަލް އަދާލާ ބަލިކޮށްފިއެވެ.

ރޭ އަލް ނަސްރާ އަލް އަދާލާ ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބުކުރީ 5-0ގެ ތާފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައިފައިވަނީ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެންޑަސަން ޓަލިސްކާ ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އަލް އަދާލާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެ ޓީމު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

އެ ޓީމުން މެޗުގައި ޖެހި ހަތަރު ވަނަ ގޯލަކީ އައިމަން ޔަހްޔާ ތަނަވަސްކުރި ފުރުސަތަކުން މެޗުގެ 78 ވަނަ މިނެޓުގައި ޓަލިސްކާ ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ވަނީ ފަސް ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ޓަލިސްކާ ފޮނުވާލި ހަމަލާ އަލް އަދާލާގެ ކީޕަރު އަތުގައި ޖެހިފައި ނިކުތުމުން އައިމަން ކާމިޔާބުކުރި ގޯލެކެވެ.

އެ މޮޅާއެކު އަލް ނަސްރު ސައުދީ ޕްރޯ ލީގުގެ ދެވަނައިގައި އޮތީ 22 މެޗު ކުޅެ 52 ޕޮއިންޓު ހޯދައިގެންނެވެ. އެ ލީގުގެ އެއްވަނައިގައި އަލް އިއްތިހާދު އޮތީ 22 މެޗުން 53 ޕޮއިންޓު ހޯދައިގެންނެވެ.