05 Apr 2023, 10:11
ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލް އެފްސީން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް ބޮޑު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
މިވަގުތު ޕީއެސްޖީގެ ކޮންޓްރެއްޓެއްގައި ހުރި މެސީއަށް އަލް-ހިލާލް އެފްސީން ހުށަހަޅާފައިވަނީ އަހަރަކަށް 400 މިލިއަން ޔޫރޯގެ ހުށަހެޅުމެކެވެ.
ނަމަވެސް ފުޓުބޯޅަ ދިރާސާކުރާ ތަޖުރިބާކާރުން ދެކޭގޮތުގައި ޔޫރަޕް ފުޓުބޯޅަ ދޫކޮށް އޭޝިއާއަށް ބަދަލުވުމުގެ ވިސްނުމެއް މެސީ އަދި ނުގެންގުޅެއެވެ.
މެސީ ހޯދުމަށް އޭނާ އެންމެ ގިނަ ދުވަހު ކުޅެދިން ކުލަބު ބާސެލޯނާއިން ވެސް ވަނީ މަސައްކަތް ފަށައިފައެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާގޮތުގައި ބާސެލޯނާއިން ވަނީ މިހާރު މެސީ ހޯދުމަށް މަސައްކަތް ރަސްމީކޮށް ފަށައިފައެވެ.
މީގެ އިތުރުން ޕީއެސްޖީން މެސީ އެ ޓީމުގައި މަޑުކުރުވަން މަސައްކަތް ކުރާކަމަށް ފަބްރީޒިއޯ ވަނީ ބުނެފައެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންކަމަށްވާ މެސީއައި ނޭމާގެ އިތުރުން ކީލިއަން އެމްބާޕޭގެ ތެރެއިން މަދުވެގެން ކޮންމެ ވެސް އެއް ކުޅުންތެރިއަކު އެ ޓީމު ދޫކޮށްލާނެކަމަށް މިޑިއާ ރިޕޯޓުތައް ބުނެއެވެ.
ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ސްޕެއިންގެ ގަދަބާރު ބާސެލޯނާގައި 21 އަހަރުގެ ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ، ލަލީގާގެ ފައިނެންޝަލް ފެއާ ޕްލޭ ގަވާއިދުގެ ތެރެއިން މެސީ ބާސާގައި މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިހާރު ކުޅެމުންދަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުއަށެވެ. އަލް-ހިލާލް އެފްސީއަކީ އަލްނަސްރާ އެންމެ ވާދަވެރި އެއް ކުލަބެވެ.
ފްރީ އެޖެންޓެއްގެ ގޮތުގައި މަހަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ރޮނާލްޑޯ އަލްންސްރާ ގުޅުނު ހިސާބުން އަލް-ހިލާލްގެ ސަޕޯޓަރުން ވަނީ މެސީގެ ނަން ޖެހި ޖާޒީތަކެއް ހަދައި ވިއްކަން ފަށައިފައެވެ.