ބޮލީވުޑްގެ ބައެއް އެކްޓަރުން ޒުވާން ބަތަލާއިންނާއެކު ފިލްމުތަކުން ފެނުމަކީ ސިނަމާގައިތިބި ދުވަސްވީ ތަޖުރިބާހުރި ބަތަލާއިންނަށް ކުރިމަގުގައި ފުރުސަތުތައް ލިބުމުގައި ހުރި ހުރަހެއްކަމަށް ބަތަލާ ދިއާ މިރްޒާ ބުނެފިއެވެ.

ހިންދީ ސިނަމާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބަތަލާ ބުނެފައިވަނީ، ބައެއް އެކްޓަރުން އެ އެކްޓަރުންގެ އުމުރާ ގުޅޭ ބަތަލާއިންނާއެކު ފިލްމުކުޅެން މިހާރުވެސް ޖެހިލުންވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންނަމަވެސް މަދުން ނަމަވެސް މިމަންޒަރު ބަދަލުވަމުންދާތަން ފެންނަކަމަށާއި އޭގެ ސިއްރަކީ އޯޓީޓީ ޕްލެޓްފޯމް ތަޢާރަފްވުން ކަމަށް ދިއާވަނީ ބުނެފައެވެ.

އުމުރުން 18 އަހަރުގައި ފިލްމީ ކެރިއަރު ފެށި ބަތަލާ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަދި ކޮށްފައިވާ ކޮންމެ ފަރާތަކީވެސް އަބަދުވެސް މަސައްކަތެއް ލިބުމުގެ އިންތިޒާރުގައިތިބޭ ބައެއް ކަމަށެވެ. އަދި ފިލްމުތަކުން ފުރުސަތު ހޯދުމަށް އަމިއްލަ މީހާ ޕްރޮމޯޓްކޮށް މާކެޓްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކާސްޓިންގް ޑައިރެކްޓަރުންގެ އިތުރުން ފިލްމު ޕްރޮޑިއުސަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.

ދާދިފަހުން ދިއާ ކުޅުނު ފިލްމު "ބީޅް"ގައި ދެއްކި ހުނަރަށް ގިނަ ބައެއްގެ ތަޢުރީފުވަނީ ލިބިގެންގޮސްފައެވެ. މި ފިލްމާބެހޭ މަޢުލޫމާތު ހިއްސާކުރި އިންޓަވިއުގައި ދިއާ ބުނީ ފިލްމީ ކެރިއަރުގެ ކުރީކޮޅު އެހާ ރަގަޅު ފިލްމުތަކުން ފުރުޞަތު ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސިނަމާގައި ހޭދަކުރެވުނު ދިގު މުއްދަތުގައި ވަރަށް ގިނަ ކަންކަން ދަސްވިކަމަށާއި ހިންދީ ސިނަމާއަށް ހިތުގައި ވަރަށް ބޮޑު ލޯތްބެއް އޮންނަ ކަމަށް ވެސް ދިއާވަނީ ބުނެފައެވެ.

މިހާރު އުމުރުން 41އަހަރުވެފައިވާއިރު ރަގަޅު ފިލްމު އޮފާތައް ލިބެންފެށީ ޢުމުރު ދެބައިވާން ފެށުމުން ކަމަށާއި އެއީ ދުވަހަކުވެސް އުއްމީދުކުރިގޮތެއް ނޫންކަމަށް ބަތަލާ ބުނެފައިވެއެވެ. ފިލްމު "ރެހެނާހޭ ތެރޭ ދިލްމޭ"އިން ގިނަ ބަޔަކަށް ކަމުދިޔަ ބަތަލާއަކީ ފިލްމު ކުޅުމުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމާއި ޖަނަވާރުތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ޔޫއެންއާ ގުޅިގެން މަސައްކަތްކުރާ ފަރާތެކެވެ.

ބަތަލާވަނީ 2021ވަނަ އަހަރު އިންޑިއާއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ވައިބާވް ރާކީއާ ކައިވެނިކޮށްފައެވެ. މިކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މިއީ ބަތަލާގެ ދެވަނަ ކައިވެންޏެވެ.