05 Apr 2023, 09:58
ދުނިޔޭގެ އެންމެ ބޮޑު އެއް މިއުޒިކް ޗާޓު "ބިލްބޯޑު"ގެ އެއްވަނައިގައި ފުރަތަމަ ފަހަރަށް ދެކުނު ކޮރިއާގެ އާޓިސްޓެއް ހިމެނިއްޖެއެވެ.
ބިލްބޯޑުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ބިލްބޯޑުގެ ސިންގަލްސް ޗާޓު ކަމަށްވާ "ހޮޓް 100"ގެ އެއްވަނައިގައި ވަނީ ދެކުނު ކޮރިއާ އަދި ކޭޕޮޕް އިންޑަސްޓްރީގެ އާޓިސްޓެއް ހިމެނިފައެވެ.
ބިލްބޯޑުގެ ހޮޓް 100ގެ އެއްވަނައިގައި ހިމެނިފައިވަނީ ޖިމިންގެ ސޯލޯ ސިންގަލް "ލައިކް ކްރޭޒީ" އެވެ. ޖިމިން އަކީ ކޮރިއާއިން މިހާތަނަށް އުފެދުނު އެންމެ ބޮޑު ގްރޫޕު "ބީޓީއެސް"ގެ މެމްބަރެކެވެ. މިިދިޔަ އަހަރު އެ ގްރޫޕުގެ މަސައްކަތްތައް މެދުކަނޑާލުމަށް ފަހު މެމްބަރުން އަންނަނީ އަމިއްލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރަމުންނެވެ.
ޖިމިންގެ ލައިކް ކްރޭޒީ އަކީ އޭނާ މިދިޔަ ހަފުތާގައި ނެރުނު އޭނާގެ ފުރަތަމަ "މިނި އަލްބަމް"ގެ ދެވަނަ ސިންގަލް އެވެ. މި ލަވަ ރިލީޒްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ގިނަ ބައެއްގެ މެދުގައި ވަނީ ލަވައަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. އެގޮތުން ޔޫޓިއުބްގައި އެކަނިވެސް އެ ލަވައަށް ވަނީ 33 މިލިއަން ވިއުސް ލިބިފައެވެ.
ބިލްބޯޑުން ބުނާގޮތުގައި ލަވަ ރިލީޒްކުރި ފުރަތަމަ ދުވަހުގެ ތެރޭގައި އެކަނިވެސް ލަވައިގެ 254،000 ޑިޖިޓަލް ކޮޕީ ވަނީ ވިކިފައެވެ. އަދި އެއް ދުވަސްތެރޭގައި 10 މިލިއަން ސްޓްރީމް ވަނީ ލަވައަށް ލިބިފައެވެ.
މިވަގުތު ޖިމިން މަސައްކަތް ކުރަމުން އަންނަނީ އެމެރިކާގައި އޭނާގެ އަލްބަމް ޕްރޮމޯޓް ކުރުމަށެވެ.
ޖިމިންގެ އިތުރުން ގްރޫޕުގެ އިތުރު ބައެއް މެމްބަރުން ވެސް މިހާރު ވަނީ ގްރޫޕުން ބްރޭކެއް ނެގުމަށްފަހު އަމިއްލަ މިއުޒިކް ރިލީޒްކޮށްފައެވެ.