05 Apr 2023, 09:54
ޔަޝް ރާޖް ކުންފުނިން 2019ވަނަ އަހަރު ރިލީޒްކުރި އެކްޝަން ތްރިލާ ފިލްމު "ވޯ"ގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާއިރު މިފަހަރު ޑައިރެކްޓަރު މިވަނީ ބަދަލުވެފައެވެ.
ފިލްމު "ވޯ" ސިދާތު އާނަންދު ޑައިރެކްޓްކުރިއިރު "ވޯ2" ޑައިރެކްޓްކުރާނީ އަރަމުން އަންނަ ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީކަމަށް ޔަޝް ރާޖް ކުންފުނިން ވަނީ ބުނެފައެވެ. ފިލްމު "ވޯ"އަކީ ރިތިކްގެ ވަރުގަދަ އެކްޝަން ފިލްމު "ބޭންގް ބޭންގް"އަށްފަހު ސިދާތްއާއެކު އެކްޓަރު މަސައްކަތްކުރި ދެވަނަ ފިލްމެވެ. މިފަހަރުގެ ސީކުއަލް އަޔާން މުކަރްޖީ ޑައިރެކްޓްކުރާއިރު ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ ރިތިކް ރޯޝަންއެވެ.
"ވޯ2"އިން ސިދާތް ޑައިރެކްޓަރުގެ ގޮނޑި ނުފުރިނަމަވެސް ރިތިކްގެ ކުރިޔަށްއޮތް ފިލްމު "ފައިޓާ"ގައި ދެމީހުން އެކީގައި މަސައްކަތްކުރާނެއެވެ. ބަތަލާ ދިޕިކާ ޕަދުކޯން މުހިއްމު ރޯލްއިން ފެންނަ މިފިލްމަކީ ސިދާތްގެ ފިލްމަކުން ދިޕިކާ ފެންނާނެ ދެވަނަ ފިލްމެވެ.
ފިލްމު "ވޯ2" ޑައިރެކްޓްކުރުމުގެ ފުރުޞަތު އަޔާން މުކަރްޖީއަށް ފަހިވެގެންދިޔައީ ދާދި ފަހުން އުފެއްދި ފިލްމު "ބްރައްމަސްތްރާ"ގެ ކާމިޔާބީއާ ގުޅިގެންނެވެ. ޔަޝް ރާޖް ކުންފުނީގެ ޗެއާމަން އަދި ކުޅަދާނާ ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާ ބުނެފައިވަނީ، އަޔާން ފަދަ ޒުވާން ޑައިރެކްޓަރުންގެ ވިސްނުމާއެކު އެކުންފުނީގެ ސްޕައި ޔުނިވާސްއަށް އިތުރު ތަރައްގީ ލިބޭނެކަމަށް އުއްމީދުކުރާކަމުގައެވެ.
ޔަޝް ރާޖް ކުންފުނީގެ ފްރެންޗައިޒްއެއް ޑައިރެކްޓްކުރުމުގެ ފުރުސަތު އަޔާންއަށް ލިބިފައިވާއިރު އަޔާން މުކަރުޖީއަކީ އަދިތްޔާގެ އަންހެނުން ރާނީ މުކަރުޖީއާއި ބަތަލާ ކާޖޮލްގެ ދެބެއިންގެ ދެދަރި މީހެކެވެ. އަޔާންވަނީ ޔަޝް ރާޖް ކުންފުނީގެ ފިލްމު ޑައިރެކްޓްކުރަން ފުރުސަތު ލިބިފައިވާކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. މި ޚަބަރާއެކު އަޔާންގެ ކެރިއަރުގެ އެންމެ ބޮޑު މަސައްކަތްކަމަށްވާ ފިލްމު "ބްރައްމަސްތްރާ"ގެ ދެވަނަ އަދި ތިންވަނަ ބައި 2026 އާއި 2027ވަނަ އަހަރު ސިނަމާތަކަށް ގެނެސްދޭނެކަމުގެ އުފާވެރި ޚަބަރު ވެސް ވަނީ އާއްމުންނާ ހިއްސާކޮށްފައެވެ.