ރަޝިޔާގެ ބައެއްގެ ގޮތުގައި އޮންނަ ޝީޝާން ނުވަތަ ޗެޗްނިޔާއިން ޑައިނަސޯރ ބިސްތަކެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ސައިންވެރިން ހާމަކޮށްފިއެވެ. ކައުކާސް ފަރުބަދަތަކުގެ ސަރަހައްދުގައި އޮންނަ ޝީޝާނުގެ ފަރުބަދަތަކުގެ ހިލަތަކުގެ ތެރޭގައި ފޮރުވިފައިވަނިކޮށް ފެނުނު މި ބިސްތަކަކީ މީގެ ކުރިން ދުނިޔޭގެ އެހެން އެއްވެސް ތާކުން ފެނިފައިވާ ވަރަށް ވުރެ ބޮޑެތި ބިސްތަކެއް ކަމަށް ވެސް ޝީޝާނުގެ ސައިންސްވެރިން ބުނެއެވެ.

"މިހާތަނަށް ޑައިނަސޯރއާ ބެހޭ ގޮތުން އެއް ކުރެވިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބުނެވޭނީ، މިއީ މިހާރު އެނގޭ ވައްތަރުތައް ނޫން އެހެން ވައްތަރެއްގެ ޑައިނަސޯރއެއްގެ ބިސްކަމަށް ވެސް ވެދާނެޔޭ. މިހާތަނަށް ފެނިފައިވާ ޑައިނަސޯރ ބިސްތަކަށް ވުރެ މި ބިސްތައް ބޮޑު." ޝީޝާނުގެ ޕެލިއޮންތޮލޮޖިސްޓަކު ވިދާޅުވި އެވެ.

އަލަށް ފެނުނު މި ބިސްތަކުގެ ސަބަބުން އަނެއްކާ ވެސް ޑައިނަސޯރއާ ބެހޭ ވާހަކަތައް އިތުރުވެގެންދާނެކަމަށް ބެލެވޭއިރު، މިހާތަނަށް ފެނުނު އެހެން ބިސްތަކެކޭ އެއްފަދައިން މި ބިސްތަކުން ވެސް ޑައިނަސޯއެއް ވިއްސޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ޑައިނަސޯރއަކީ އިންސާނުން މި ބިންމަތީގައި ދިރިއުޅެން ފެށުމުގެ ކުރިން ބިންމަތީގައި އުޅުނު ބިޔަ ޖަނަވާރުތަކުގެ އާއިލާއެއް ކަމަށް ސައިންސްވެރީން ބުނެއެވެ. ސައިންސްވެރީންގެ މި ފަދަ ހޯދުންތަކާއި ނަޒަރިއްޔާތަކުގެ މައްޗަށް ބިނާކޮށް ފިލްމުތައް ވެސް ދަނީ ކުޅެވެމުންނެވެ. މީގެ ތެރޭގައި މަޝްހޫރު "ޖުރެސިކް ޕާކް" ނަމަކަށް ކިޔާ ފިލްމު ހިމެނެއެވެ.