ޑިޒްނީއިން އެންމެ ފަހުން ނެރުނު އާ ކެރެކްޓާތަކުގެ ތެރޭގައި ހިމެނޭ "މޮއާނާ"ގެ އެނިމޭޓެޑް ފިލްމަށް ބިނާކޮށް ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިޒްނީއިން 2016 ވަނަ އަހަރު ތައާރަފު ކުރި މޮއާނާއަށް އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ނަމަވެސް މިހާރު ވެސް އޭގެ ފިލްމެއްގެ މަސައްކަތް ވަނީ ފަށާފައެވެ.

މޮއާނާގެ ފިލްމެއް ތައްޔާރު ކުރަން އުޅޭކަން އިއުލާނު ކޮށްފައިވަނީ އެ އެނިމޭޝަންގައި ލީޑް ރޯލަކަށް އަޑު އަޅާފައިވާ ޑްވޭން ރޮކް ޖޯންސަން އެވެ. ފިލްމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. އޭނާ އާއި އޭނާގެ ދެ ދަރިން ގޮވައިގެން އަތިރި މަތީގައި ތިބެ އެ ވާހަކަ އާންމުކުރި އިރު އެ ރޯލުގެ މުހިއްމު ކަމުގެ މައްޗަށް އޭނާ ވާހަކަ ދެއްކިއެވެ.

މޮއާނާގެ މުހިއްމު ރޯލު ކަމަށްވާ "މައުވީ"އަށް ރޮކް އަޑުއެޅި އިރު "މޮއާނާ"ގެ ރޯލަށް އަޑު އަޅާފައިވަނީ އައޫލީ ކްރާވާލްހޯ އެވެ. ޑިޒްނީއިން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގައި އެ ދެ ރޯލު ކުޅޭނީ މި ދެެ އެކްޓަރުންނެވެ.

މޮއާނާ 2016 ގައި ނެރުނުއިރު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 600 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ފިލްމުގެ މަސައްކަތް މިހާރު ކުރިއަށް ދިޔަ ނަމަވެސް ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ފިލްމު ރިލީޒް ކުރާނެ ސީދާ ދުވަހެއް އަދި ނޭނގެއެވެ.