މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުސަތު ނެތުމުން، އަލުން އެ ކުންފުނިތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވުމާއި، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި، ޙައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުސަތު ނެތުމާއެކު މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމުގައި ދެކޭ ކަމަށެވެ.

އެހެންކަމުން އެ މިނިސްޓްރީން މިއަހަރުގެ ފެބްރުއަރީ 27ގައި ކުރި އިއުލާނާ ގުޅިގެން ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލްކޮށް، އެ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ކުންފުނިތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ކުރިން ކުރި އިއުލާނާ ގުޅިގެން ޙައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގު ފިޔަވާ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.

ބިޑު ހުށަހެޅޭނީ 75،000 ރުފިޔާ އާއި 95،000 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ އޭޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 10:00އެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ، ހުއްދަދޭނެ ކުންފުނިތައް ކަޑައަޅާނީ ގުރުއަތުންނެވެ.

ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އަންނަނީ 1000 ކޯޓާއެވެ. އެހެންކަމުން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.