04 Apr 2023, 22:33
އަރަބިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރާ ބައެއް އަންހެން ދަރިވަރުންގެ މޫނު ބުރުގާ ގަދަކަމުން ނަގުވައި އެކުދިންނާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖެންޑާއަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ. މައްސަލަ ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވީ އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާ އަޅައިގެން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ކުދިންގެ ހައްގުތައް ގެއްލި ކުދިންގެ މުސްތަގުބަލަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައި އާޒިމާ ވިދާޅުވީ އެ މިނިސްޓްރީއަށް މި މައްސަލަ ހުށަހަޅަން ނިންމީ ރާއްޖޭގެ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ވާޖިބު މަތިވަނީ އެ މިނިސްޓްރީއަށް ކަމުގައި ވާތީ ކަމަށެވެ.
މީގެ އިތުރުން، ތައުލީމުގެ ހައްގަކީ އެ ހައްގަކުން އެއްވެސް ކުއްޖަކު މަހުރޫމް ނުކުރެވޭނެ ހައްގަކަށް ވާއިރު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ކުދިންނަށް ތައުލީމު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް އޮންނަ ދުސްތޫރީ، ގާނޫނީ އަދި ބައިނަލްއަގުވާމީ ޒިންމާއެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ކުދިން އިމްތިހާނު ހަަދަން ތިއްބައި މޫނު ކަޝްފުކުރަން އެންގުމާއި ކުދިންނާ މުހާތަބުކޮށްގެން ނުވާނެފަދަ ބަސްމަގަކުން އެކުދިންނާ މުހާތަބުކޮށް އެހެންކުދިންގެ ތެރޭގައި އެ ކުދިންގެ އަގު ދަށްކޮށްލާފައިވާކަމަށް ތުހުމަތު ކޮށްފައިވެއެވެ. ސަރުކާރުން އެފަދަ ހަރުކަށި ނިންމުމެއް ނިންމާނަމަ އަރަބިއްޔާއަށް ކިޔަވަންދާ ކުދިންގެ ތެރެއިން މޫނު ކަޝްފުކުރަން ބޭނުންނުވާ ދަރިވަރުން ދާނެ އިތުރު ސުކޫލެއްނެތި ތައުލީމުގެ ފުރުސަތުން އެކުދިން މަހުރޫމު ވާނެ ކަން ފާހަގަކުރައްވައި މައްސަލައިގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމާއި ކުދިންގެ މުސްތަގުބަލަށް ގެއްލުންވާނެ ކަމަށެވެ.
މި މައްސަލަ ޖެންޑާގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އަރަބިއްޔާގައި މޫނު ބުރުގާ އެޅުން މަނާކުރި މައްސަލަ ވަނީ ސިވިލް ކޯޓަށްވެސް ހުށަހަޅައިފައެވެ.
އަރަބިއްޔާގެ ބައެއް ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އަމިއްލަ ލޯ ފާމެއްކަމަށްވާ ރެހެނދި ޗެމްބާސް އިންނެވެ.
މިކަމާ ގުޅޭގޮތުން ރެހެނދި ޗެމްބާސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަރަބިއްޔާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅަން ބޭނުންވާ ކުދިން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަނީ އެ ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނޭކަމަށް ކުދިންނަށާއި ބެލެނިވެރިންނަށް އަންގައި، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމުގެ ހައްގުން ކުދިން މަހްރޫމްކުރުވަމުންދާ މައްސަލައިގައި، ފައިސަލާ ކުރަނިވި ހުކުމެއް ހޯދުމަށް ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.