04 Apr 2023, 22:13
ދައުލަތުގެ ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމެ ޒިންމާއާ ހަވާލުވެފައި ހުންނަ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން، 'އެކައުންޓަންޓް ޖެނެރަލް'ގެ ނަމަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީޙް، އެކައުންޓަންޓް ޖެނެރަލްގެ މަގާމު އުފައްދަވައި އެ މަގާމަށް މިއަދު އައްޔަން ކުރެއްވީ، ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި މުޙައްމަދު އާޒާދު ކަމަށެވެ.
އާޒާދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ސައިންސް އިން ފިނޭންސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓުގެ މަގާމު އޭނާ ފުރުއްވާފައިވާ އިރު އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ. އަދި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް އާޒާދު މަސައްކަތް ކުރައްވާފައިވެއެވެ.
އާޒާދު ފުރުއްވި އިތުރު މަގާމުތަކުގެ ތެރޭގައި އޭސީސީގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ހެޑް ކަމާއި އިސްލާމިކް ބޭންކުގެ ބޯޑު މެންބަރުކަން ހިމެނެއެވެ.