ބޭރުގެ ދަރަނި މިހާރު ހުރި ނިސްބަތުން ރާއްޖޭގެ އިގުތިސާދަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ސަރުކާރުގެ ޚަރަދުތައް އަދިވެސް ކުޑަކުރަންޖެހޭކަމަށް އަނެއްކާވެސް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ބުނެފައިވަނީ، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށެވެ.

މި ރިޕޯޓުގައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، އޭގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުކުރުމާއި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުންކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތައިގައެވެ.

އެހެން ނަމަވެސް، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކު ކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވާކަމަށް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މިކަމުގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ، ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ދުނިޔޭގެ އިގުތިސާދު މިވަގުތު އޮތް ނާޒުކު ހާލަތެވެ.

ވޯލްޑް ބޭންކްގެ މި ރިޕޯޓްގައިވާގޮތުން ރާއްޖެއިން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޚަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ކުރިއަށް އޮތް އިންތިހާބާ ގުޅޭ ޚަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި، އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ޚަރަދުކުރެވޭނެ ނިޒާމެއް ބޭނުންވާކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އެޅުމަށް ފަހު އިތުރު ކަންކަމާ މެދު ވިސްނަމުން ދިޔަ ނަމަވެސް، މިއީ މާނަ ހުރި ގޮތެއްގައި މާލީ ރައްކާތެރިކަން ހޯދުމަށް ފުދޭ ވަރުގެ މަސައްކަތްތަކަކަށް ނުވެދާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ކުރިއެރުމުގެ ސިޔާސަތުގެ ވަރަށް ބޮޑު މަގްސަދަކަށް ހެދުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަން ނޫން އިގްތިސާދީ ދާއިރާތަކުގެ ބޮޑު ބައެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދުގައި ރާއްޖޭގެ އިޤުތިސާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކްގެ ކަންބޮޑުވުންތަކެއް ހުރިއިރު، ޖުމްލަ ގޮތެއްގައި މިއީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ބޭންކުން ނެރުނު ރިޕޯޓްގައިވެސް ރާއްޖޭގެ އިގުތިސާދާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމެވެ.