ރާއްޖެއިން އަށް ގައުމަކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ސީޝެލްސް، މޮރިޝަސް، ގަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒަށެވެ. އަދި ކެނެޑާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދު އަދި، އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އަށެވެ.

އެ ތިން ބޭފުޅުންނަށްވެސް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ތިން ބޭފުޅުންނަށް ބަލާއިރު، އަލީ ފާއިޒަކީ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

އަބްދުލްޣަފޫރަކީ ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމާއި، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އަދި، ޝަބީނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝަބީނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައެވެ.