އދ. މަޖިލިސް (މާޗް 22): ސޫރިޔާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރަމުންދާގޮތް ބެލުމަށްޓަކައި 300 ޢަސްކަރީ އޮބްޒާވަރުން އެޤައުމުގައި ބޭތިއްބުމަށް ގޮވާލާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

ރަޝިޔާއާއި ޔޫރަޕް ގުޅިގެން ފާސްކުރި މިޤަރާރުގައި ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރެއް ދީފައެއްނުވެއެވެ. މި ޤަރާރުގައި 300 ޢަސްކަރީ އޮބްޒާވަރުން ސޫރިޔާގައި ބޭތިއްބުމަށް ގޮވާލާފައިވަނީ އދ. ގެ މަންދޫބު ކޯފީ އަނާން ސޫރިޔާގެ މިހާރުގެ ސަލާމަތީ ކަންކަން ދިރާސާކުރެއްވުމަށްފަހު ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާ ރިޕޯޓްގެ މައްޗަށް ރިޢާޔަތް ކޮށްގެންނެވެ.

މި ޤަރާރު ސޫރިޔާ ސަރުކާރަށް ގޮވާލަނީ އދ. ގެ ޕްލޭނާއެއްގޮތަށް ޙަމަލާތައް ހުއްޓާލުމަށާއި ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން ހަނގުރާމަމަތީ ސިފައިންނާއި ހަތިޔާރު ބޭލުމަށެވެ. އަދި މި ޕްލޭން ތަންފީޒު ކުރަމުންދާގޮތް ބެލުމަށްޓަކައި ނެރުމަށް ހަމަޖެހިފައިވާ 300 ޢަސްކަރީ އޮބްޒާވަރުންގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށެވެ. އޮބްޒާވަރުންގެ މައްސަލާގައި މިއަށްވުރެ ހަރުކަށި ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ ކުރި މަސައްކަތްވަނީ ކާމިޔާބުނުވެފައެވެ.

އެމެރިކާގެ މަސައްކަތް ކާމިޔާބުނުވީ އެޤަރާރުގެ ދެލިކޮޕީގައި ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައިވާތީ ރަޝިޔާއާއި ޗައިނާ ދެކޮޅު ހެދުމުންނެވެ. އެހެންކަމުން އެމެރިކާއަށް ޖެހުނީ ގޮތްދޫކުރުމަށްފަހު ރަޝިޔާއާއި ޔޫރަޕްގެ ޤަރާރަށް ތާއީދުކުރުމަށެވެ. ނަމަވެސް ޢަސްކަރީ އޮބްޒާވަރުންގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ނުދޭނަމަ އަދި ޙަމަލާތައް ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރުމަށް ސޫރިޔާ ފަސްޖެހޭނަމަ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްބުނެ އެމެރިކާގެ މަންދޫބާ ސޫޒާން ރައިސް ސޫރިޔާއަށް އިންޒާރު ދެއްވިއެވެ.
ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ޤަރާރު މާބޮޑަށް ލުއިކަމަށް ވިދާޅުވެ އެމެރިކާގެ މަންދޫބާ އެޤަރާރަށް ފާޑުވިދާޅުވި ނަމަވެސް ގިނަ ޤައުމުތަކުންވަނީ އެޤަރާރަށް މަރްޙަބަ ކިޔާފައެވެ. ސޫރިޔާގެ މައްސަލާގައި ޗައިނާއާއި ރަޝިޔާ އެމެރިކާއާ ދެކޮޅަށް ތިބޭތީ ސޫރިޔާއާ ކުރިމަތިލުމުގައި އެމެރިކާގެ ވަނީ ވަރަށް ބަލިކަށި ޙާލަތެއްގައެވެ.

ސޫރިޔާ ދެކޮޅަށް ހަރުކަށި ޤަރާރެއް ފާސްކުރަން އެމެރިކާ މަސައްކަތްކުރާ ކޮންމެފަހަރަކު ޗައިނާއާއި ރަޝިޔާވަނީ އެ ޤަރާރު ވީޓޯކޮށް އެމެރިކާގެ ބާރު ކަނޑުވާލާފައެވެ. އެހެންކަމުން ޢިރާޤާއި ލީބިޔާގެ މައްސަލަތަކުގައި ދެއްކިފަދަ ހަރުކަށިކަން ސޫރިޔާގެ މައްސަލާގައި ދެއްކުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންވަނީ ނާކާމިޔާބުވެފައެވެ. -- އަލްޖަޒީރާ