04 Apr 2023, 17:41
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކުން އިސްވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ.
އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު އެ ޕާޓީއަށް ވެސް ލިބުނު ކަމަށެވެ. އެ ދައުވަތު ރަނގަޅަށް ކިރާ ވަޒަންކުރުމަށްފަހު އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް އެ ޕާޓީން ނިންމާފައިިވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ޖުމްހޫރީ ޕާޓީއިން އެފަދަ ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް ޝުކުރު ދަންނަވާ ހާލު، މިއަދު އޮތް މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީއިން އިސްވެ ދެންނެވި ނިންމުމަށް ވާސިލްވީ ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އެމްއެންޕީން ބުނީ އެހެން ޕާޓީއަކުން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި އެމްއެންޕީން ބައިވެރިވުމަކީ، އެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލެއް ކަމަށެވެ. ހަމައެހެންމެ އެދައުވަތު ޤަބޫލުކުރުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެން ޕާޓީއެއްގެ ފަހަތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއިން އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ މީހުންގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއް ކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައިވެ އެވެ.
"މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުމެއް ނެރެގެން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެކެވެ. ޕާޓީގެ މިސްރާބު ކުރަހާފައިވަނީ އެދިމާއަށެވެ. އަދި، ދިވެހިރާއްޖޭގެ ރިޔާސަތަށް ހޮވިއްޖެނަމަ ޕާޓީއިން މަސައްކަތް ކުރާނީވެސް އެކަންކަން ހާޞިލްކޮށް، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ފަހިގޮތްތަކަށެވެ. މި ޕާޓީ އުފެއްދުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން މިޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، މިޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު މިޕާޓީއަށް ލިބެމުންދާ ކަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރެއްވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކަންޏެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާތީ އޭނާއަށް ރިޔާސީ ޓިކެޓްދޭން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރަންވަން ނިންމަވާފައިވާ ބޭފުޅުންނަށް ފޮނުވާފައެވެ.
ޖުމްހޫރީ ޕާޓީގެ ދައުވަތާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި އެހެން އެއްވެސް ޕާޓީއަކާ އެކު ޕީޕީއެމް، ޕީއެންސީން ކޯލިޝަން ނަހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.