04 Apr 2023, 13:49
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން މާލީ މަންފާ ހޯދައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ.
ޔާމީންގެ ވަކީލުންގެ ފަރާތުން އެ ހުކުމް އިސްތިއުނާފް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށް ހައި ކޯޓުން އެންގުމުން ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އެ މައްސަލަ ބަލައިނުގަނެ ލަސްކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފައިވަނިކޮށް, ހައި ކޯޓުން މިއަދު ވަނީ ޔާމީންގެ އިސްތިއުނާފް މައްސަލަ ބަލައިގަނެ ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ބުނެފައެވެ.
ހައި ކޯޓުގައި މިހާރު ވެސް ޔާމީންގެ އިސްތިއުނާފީ އެއް މައްސަލަ ކުރިއަށް އެބަދެއެވެ. އެއީ މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައެވެ.