މިންސްކް (4 އެޕްރީލް 2023): ބެލަރޫސްގައި ރުކުރުވާލުމަށް ހަމަޖެހިފައިވާ ރަޝިޔާގެ ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބަހައްޓާނީ އެ ގައުމާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ނޭޓޯގެ ގައުމުތަކާ އެންމެ ކަައިރި ސަރަހައްދެއްގައި ކަމަށް ރަޝިއާ ބުނެފިއެވެ.

ބެލަރުސްއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ބޮރިސް ގްރިޒްލޮފް ވިދާޅުވީ ބެލަރޫސްގައި ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބެހެއްޓުމުގައި ރަޝިއާގެ ސްޓްރެޓެޖީ އަކީ ރަޝިއާ ވަށާލަން ނޭޓޯ ކުރާ މަސައްކަތް ހުއްޓުވުމާއި ނޭޓޯ މައިތިރި ކުރުވުމާ އެކު ނޭޓޯގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ރަޝިއާގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމެވެ.

އަދި، ރަޝިއާ ވަށާލުމަށް ނޭޓޯ އަޅާ ކޮންމެ ފިޔަވަޅަކަށް ރައްދުގައި ފިޔަވަޅެއް އަޅާނެއެވެ. ކުރިން ރަޝިއާ މަޑުން އޮތް ގޮތަށް ދެން މަޑުން ނޯންނާނެކަމުގެ މެސެޖް ނޭޓޯގެ ގައުމުތަކަށް ދިނުމަކީ ވެސް ރަޝިއާގެ މަގުސަދެއްކަން އޭނާ ހާމަކުރެއްވިއެވެ.

ބެލަރުސްއަކީ ނޭޓޯގެ ތިން ގައުމަކާ އެކު ސަރަޙައްދީ ރޮނގުން ގުޅިފައިވާ ގައުމެކެވެ. މި ތިން ގައުމަކީ ޕޮލެންޑް، ލެޓްވިއާ އަދި ލިތުއޭނިޔާއެވެ. މީގެ ތެރެއިން ލެޓްވިއާ އަކީ ސީދާ ރަޝިއާއާ ވެސް ސަރަހައްދީ ރޮނގު ހިއްސާކުރާ ގައުމެވެ.

ޔުކްރެއިނާ ދެކޮޅަށް ރަޝިއާ ހަނގުރާމަފެށީ ވެސް ނޭޓޯގެ ގައުމަކަށް ޔުކްރެއިން ހަދައިގެން އަސްކަރީ ގޮތުން ރަޝިއާ ހިއްސާރުކުރަން ނޭޓޯ މަސައްކަތް ފެށުމުންނެވެ. އެމެރިކާ ވަނީ ރަޝިއާއާ ގާތުގައިވާ ނޭޓޯގެ އެތައް ގައުމެއްގައި މީގެ އެތައް އަހަރެއް ކުރިން ނިއުކްލިޔާ ގިނަ ހަތިޔާރުތަކެއް ރުކުރުވާލައިފައެވެ. ރަޝިއާ އަކީ އެމެރިކާއިން ނޭޓޯ ހަދައިގެން އުޅޭ ގޮތަށް އަސްކަރީ ޖަމާއަތް ހަދައިގެން އުޅޭ ގައުމަކަށް ނުވާތީ ރަޝިއާގެ ނިއުކްލިޔާ ހަތިޔާރު އެހެން ގައުމެއްގައި މިހާތަނަށް ރުކުރުވާލައިފައެއް ނުވެއެވެ.

ނަމަވެސް މިހާރު ރަޝިއާއިން މި ވަނީ ނޭޓޯއަށް ރައްދުދިނުމުގެ ގޮތުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލަރުސްގައި ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ރުކުރުވާލަން ނިންމައި އެ ކަމާބެހޭ ތައްޔާރީތައް ފަށައިފައެވެ. މި މައްސަލައިގައި އެމެރިކާއާއި ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތައް ވަނީ ރަޝިއާގެ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ނަމަވެސް އެމެރިކާއާއި ނޭޓޯއަށް ރަޝިއާއާ ދެކޮޅަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ތިން މަސް ތެރޭގައި ރަޝިއާއިން ބެލަރުސްގައި ގިނަ އަދަދެއްގެ ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ރުކުރުވާލާނެއެވެ. މި ކަމަށް ބޭނުންވާ އަސްކަރީ އިންފްރާސްޓްރަކްޗާ ބެލަރުސްގައި ބިނާކުރުމުގެ މަސައްކަތް ރަޝިއާގެ ކަމާބެހޭ ކުންފުނިތަކުން މިހާރު ވަނީ ފަށައިފައެވެ.

ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރަކީ ނިއުކްލިޔާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ހަތިޔާރެވެ. މި ހަތިޔާރު ޚާއްސަކޮށްފައިވަނީ ހަނގުރާމައަކުން ބަލިވާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދުޝްމަނުންގެ ލަޝްކަރުތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށެވެ.

ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރަކީ ޓެޓިކަލް ހަތިޔާރަށްވުރެ މާ ބާރު ގަދަ އެއްޗެކެވެ. އެއީ ދުނިޔޭގެ ބައްރުރައް ހުރަސްކޮށް ހަމަލާ ދޭ ގޮތަށް ތައްޔާރުކޮށްފައިވާ (އެތައް ހާސް ކިލޯމީޓަރުގެ ރޭންޖްގެ) ނިއުކްލިޔާ މިސައިލްތަކެވެ. ނިއުކްލިޔާ މިސައިލަށް ވަނީ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްގައި ގިނަ އަދަދެއްގެ ނިއުކްލިޔާ ވޯހެޑް ހަރު ކުރުމުންނެވެ. މިގޮތަށް ނިއުކްލިޔާ ވޯހެޑް ހަރުކުރުމުން އެ މިސައިލްތަކަށް ސްޓްރެޓީޖިކް މިސައިލް އޭ ވެސް ކިޔައެވެ.

ދުނިޔޭގައި ޓެންޓިކަލް ނިއުކްލިޔާ ހަތިޔާރު ވެސް އަދި ސްޓްރެޓީޖިކް ނިއުކްލިޔާ ހަތިޔާރު ވެސް އެންމެ ގިނައީ ރަޝިއާގައެވެ. މިފަދަ ފަނާކުރަނިވި ހަތިޔާރު އުފެއްދުމުގައި ރަޝިއާ އުޅެނީ އެމެރިކާއާއި ނޭޓޯގެ ހުރިހާ ގައުތަކަކަށް ވުރެ ވެސް ކުރީގައެވެ.