04 Apr 2023, 11:50
ޕާޓީގެ ޕާލިމަންޓްރީ ގުރޫޕާ ވަކިން، ގަވާއިދާ ހިލާފަށް އަމިއްލަ ޕީޖީ ގުރޫޕެއް ހިންގާތީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ މަޖިލީސް މެންބަރުންނާ މެދު ފިޔަވަޅު އަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުގައި އެ ގުރޫޕުގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ ވަކި ހަރަކާތެއް ހިންގަމުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް މުޣުނީ ފޮނުވި ސިޓީއެއްގައި ވަނީ ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެކޮޅަށް އެކިއެކި ގަރާރުތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އަދި، އެ މެންބަރުން މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މަސައްކަތް ކުރަނީ ސަރުކާރާ ދެކޮޅުވެރިކަމުގެ ރޫހެއްގައި ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އެހެންވެ، މުޣުނީ ވަނީ ވަކި ޕީޖީ ގުރޫޕެއް ހަދައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެންބަރުން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދިފައެވެ.
ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ގެންދަނީ ސަރުކާރާ ދެކޮޅުވެ، ޖުމްހޫރީ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން ފަށައިފައެވެ. މަޖިލީހުގައި ނަޝީދަށް ތާއީދު ކުރައްވާ ތިއްބެވީ 12 މެމްބަރުންނެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިޙާ އެކު މަސައްކަތް ކުރައްވަން ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ދެކޮޅު ހައްދަވާފައިވާއިރު، އެ ފެކްޝަނުން ވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ އެކު ތިބިކަން ހާމަކޮށްފައެވެ. ދެ ފަރާތް ގުޅިގެން ކޯލިޝަން އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.