ދުއްވާފައި ދިޔަ މިނީ ބަހެއް ޕާކިން ޒޯނަކަށް އަރައި އެ ޒޯންގައި ޕާކު ކޮށްފައި ހުރި ހަތް ސައިކަލަށް އެކިވަރުގެ ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނު 8 ޖަހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދު އޮންނަ އަމީރު އަޙްމަދު މަގުގައެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ އަލީ މަސީހް މި ނޫހާ ވާހަކަ ދައްކަމުން ބުނީ އެ އެކްސިޑެންޓް ހިނގީ ބަސް ސްޓޮޕާ ކައިރި ކުރަން އުޅުނު ވަގުތު ކަމަށެވެ.

ބަސް އެކްސިޑެންޓްވެ ސައިކަލްތަކަށް ގެއްލުންވެފައި-- ފޮޓޯ: އަލީ މަސީހް

"އަޅުގަނޑު އަހާލިން ޑްރައިވަރު ކައިރި ކިހިނެއްތޯ ވީ. އޭނާ ބުނީ ނިދި ޖެހުނީ ކަމަށް،" އޭނާ ބުންޏެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ހަތް ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

މީގެ ކުރިން ހުޅުމާލޭގައި ވެސް ބަސް ޑްރައިވަރެއް ނިދި ޖެހުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ކަސްރަތު ކުރަން އުޅުނު ޓޫރިސްޓެއްގެ ގައިގައި ޖެހި އެ މީހާ ވަނީ މަރުވެފައެވެ.