04 Apr 2023, 10:49
ފުލުހުންގެ އަމުރަށް ނުކުޔަމަންތެރިވެ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވުމުން ވެސް މަޑުނުކޮށް ދާން އުޅުމުން އޭގައި އިން ދެ މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު އެކެއް ޖަހާ އެހާކަންހާއިރު ކަމަށެވެ.
އެގޮތުން ގަޑިބުރުކައިރިން ބާރު ސްޕީޑެއްގައި ދިޔަ އެ ސައިކަލު މަޑުކުރުމަށް އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ނަލަހިޔާ ފިހާރަ ކައިރިން އިތުރު ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓްވުމުން ވެސް ސައިކަލު މަޑުނުކޮށް ދާން މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސައިކަލުގައި އިން ދެ މީހުން ހައްޔަރުކޮށްފައިވާއިރު ސައިކަލު ދުއްވަން އިނީ ލައިސެން ނެތް މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި ރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު އިއްޔެ ހުޅުމާލޭގައި ވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި އެކަކު މަރުވެފައެެވެ.