މިދިޔަ މަހުގެ 30ގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ބޯލާ"އަށް މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑުކަމަށް ފިލްމު އެނަލިސްޓުން ބުނެފިއެވެ.

މި ފިލްމު ރިލީޒްކުރެވުނުތާ ހަތަރު ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް ވިޔަފާރީގެގޮތުން ފިލްމުގެ ފެށުން ހީކުރިވަރަށްވުރެވެސް ރަގަޅުކަމަށް ނޫސްތަކުގައިވަނީ ލިޔެފައެވެ. ހަފުތާ ބަންދާއެކު ފިލްމަށް މިހާތަނަށް 44 އިންޑާ ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

މި ދުވަސްވަރަކީ އިންޑިއާގެ އައިޕީއެލް 2023 ފެށިފައިވާ ދުވަސްވަރާއެކު ރަމަޟާން މަސް ކަމަށްވެފައި ފިލްމު ބަލަންދާ މީހުންގެ ޢަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރޭޑް އެނަލިސްޓު ތަރަން އާދަޝް ވަނީ ބުނެފައެވެ.

އެހެންކަމުން ފިލްމުގެ ކާމިޔާބީ ބިނާވެފައިވަނީ މި ހިނގާ ހަފުތާ ނިމޭއިރު ފިލްމަށް ލިބޭ އާމްދަނީއަށް ބެލުމަށްފަހުކަމަށް ތަރަން ވަނީ ބުނެފައެވެ. ކުރިޔަށް އޮތްތަނުގައި ފިލްމަށް ވިޔަފާރީގެގޮތުން ނުހިނގިނަމަވެސް މިހާރު ލިބިފައިވާ އާމްދަނީއާއެކު މިއީ ރަގަޅު އަދަދެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ފިލްމު "ބޯލާ"އަކީ އަޖޭ ދޭވްގަން އަމިއްލައަށް ޑައިރެކްޓްކޮށްފައިވާ އަދި ލީޑް ރޯލްއިން ވެސް އަޖޭ ފެންނަ ފިލްމެކެވެ. އެކްޝަން ތްރިލާ މި ފިލްމަކީ، ކާމިޔާބު ތަމަޅަ ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ހިންދީ ރިމޭކްއެކެވެ. އަޖޭގެ އިތުރުން ފިލްމުގައި ފެންނަ މުހިއްމު ތަރިންގެތެރޭގައި ބަތަލާ ތައްބޫ، ދީޕަކް ދޮބްރިޔަލް އަދި ސަންޖޭ މިޝްރާ ހިމެނެއެވެ.

މިހާތަނަށް ކްރިޓިކުން ވެސް ފިލްމުގައި އަޖޭ ދައްކުވައިދިން އެކްޓިންގްއާއެކު އެކްޝަން ސީންތަކަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ. ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް އަޖޭ ނުކުމެފައިވާއިރު އެކްޓަރުގެ އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހުރެއެވެ. އަދި އަޖޭއަކީ ފިލްމީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ތިއޭޓަރުގެ ވިޔަފާރި ވަރަށް ފުޅާކޮށް ހިންގާ ފަރާތެކެވެ.