22 Apr 2012, 09:03
ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުން ތިބިކަމަށާއި އަދި އެފަދަ މީހުންގެ ބާރު ގަދަވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ބާރުލިބޭ ބައެއް ކަންތައްތައް ރާއްޖޭގެ މާޒީގައި ހިނގާފައި ވެސް ވެއެވެ. އެގޮތުން ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔަ ބަޔަކު ހުއްޓުވަން ފުލުހުން ކުރި މަސައްކަތްތަކެއްގައި ފުލުހުންނާއި އެމީހުންނާ ހިނގި ވަރުގަދަ ކުރިމަތިލުންތައް ފާހަގަ ކުރެވެ އެވެ. ސަލްޓަން ޕާކްގައި ޓޫރިސްޓުންގެ ބަޔަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ވެސް އެފަދަ ކަމެކެވެ.
އަފުޣާނިސްތާނާއި ޕާކިސްތާނާ ދެ ގައުމުގައި އުޅޭ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކާ ގުޅެން ދިވެހިންގެ ބައެއް މީހުން އެތަންތަނަށް ދިޔަ ދިއުން ވެސް އެފަދަ ކަމެއްގެ ގޮތުގައި ނެގިދާނެ އެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ނުވަތަ "ރެޑިކަލް އިސްލާމިސްޓުން" ރާއްޖޭގައި އުޅޭ ކަމަށް ރައީސް ނަޝީދު ދައުވާ ކުރެއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު ވިދާޅުވަނީ އެފަދަ ކަމެއް ފާހަގަކުރެއްވިފައި ނުވާ ކަމަށެވެ.
"އެފަދަ މައްސަލައެއް ރާއްޖެއަކު ނެތް. އަޅުގަނޑު ކުރިން ވެސް އެކި ތަންތާ ދަންނަވާފައި ވާނެ އެފަދަ ކަމެއް ނެތް ވާހަކަ. ދީނީ ގޮތުން އެކި ކަންތައްތަކުގައި ހިޔާލުތަފާތުވުންތަކެއް އުޅެނީ. އެއީ ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމޭ ބުނެވޭ ވަރުގެ ކަންތައްތަކެއް ނޫން،" ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުން ވެސް ބުނަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ރާއްޖޭގައި އެއްވެސް ވަރަކަށް ނެތް ކަމަށެވެ.
"ރާއްޖޭގައި ދީނީ ތައުލީމު ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނަކީ ވެސް ހުޅަނގުން ގަބޫލުކުރާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލު ކުރެއްވި ބޭފުޅުން. ހައްދު ފަހަނަ އެޅުމުގެ ވިސްނުން ހުރި ބަޔަކު ރާއްޖެ އަކު ނެތް،" ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް ވިދާޅުވި އެވެ.
ކަން މިހެން ހުރި ނަމަވެސް ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ބާރު ގަދަވަމުން އަންނަ ކަމަށް ރައީސް ނަޝީދު ބައިނަލްއަގުވާމީ މީޑިޔާތަކުގައި ވިދާޅުވަމުން ގެންދަވާ ނަމަ އެކަމުގެ ނުބައި އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ސަރުކާރުން ދެކެ އެވެ.
"އެފަދަ ވާހަކައެއް ދެއްކެވުމަކީ ވަރަށް ހިތާމަ ހުރި ކަމެއް، ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އައްބާސް އާދިލު ރިޒާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެއީ ހަގީގަތެއް ނެތް ވާހަކައަކަށް ވިޔަސް އެ ވާހަކަތައް އެ ދައްކަވަނީ ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށް ވުމުން އެވާހަކަފުޅުތައް ދުނިޔޭގެ މީޑިއާތަކުން ކަވަކުރެ އެވެ. އެހެން ކަމުން އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރަމުން ދެއެވެ.
"އެކަމުގެ އަސަރު ޓޫރިޒަމަށް ކުރާނެކަން އެއީ ކަށަވަރު ކަމެއް،" އައްބާސް ވިދާޅުވި އެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުން އޮތް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި ނަމަވެސް ރާއްޖޭގެ ހާލަތު އޮތީ އޭގެ އިދިކޮޅަށް ކަން ރާއްޖޭގެ އިލްމުވެރިންގެ ވާހަކަފުޅުތަކުން އެނގެ އެވެ. އެގޮތުން ރާއްޖޭގައި އިސްލާމް ދީން ގަބޫލު ނުކުރާ އެތައް ބަޔަކު ތިބިކަމަށް ކުރިން ދެއްވާފައިވާ އިންޓަވިއުތަކުގައި ޝޭޚުން ވިދާޅުވެފައިވެ އެވެ.
"އިސްލާމް ދީން ގަބޫލު ނުކުރާ އެތައް ބަޔަކު އެބަ އުޅޭ، ސީދާ އަޅުގަނޑުމެން ގާތަށް އައިސްފައި އެބަހުރި ބައެއް މީހުން، އިސްލާމް ދީން ގަބޫލު ނުކުރެވޭ ވާހަކަ އެމީހުން ބުނޭ. އަދި ބައެއް މީހުން އެބަހުރި އެކަމާ ދެރަވެފައި ވެސް،" މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއްގައި އައްޝައިޚު ހަސަން މޫސާ ފިކުރީ ވިދާޅުވެފައިވެ އެވެ.
"އެބާވަތުގެ މީހުން ސިއްރިއްޔާތުގައި ވަރަށް ގިނައިން އުޅޭކަން އިންޓަނެޓްގެ ވެބްސައިޓްތަކުން އަޅުގަނޑުމެންނަށް ވެސް ވަނީ ފާހަގަ ކުރެވިފައި، އަދި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވެސް އަންނަނީ އިތުރުވަމުން، އަޅުގަނޑުމެންނަށް މިކަން ފާހަގަކުރެވޭ" ޝައިޚު ޢަބުދުﷲ ބިން މުހައްމަދު އިބުރާހީމް ވިދާޅުވެފައިވެ އެވެ.
ކަންތައްތައް މިހެން ހުރުމުން މިހާރު އުފެދޭ ސުވާލަކީ ބައެއް ހާދިސާތައް ކުރިން ހިނގާފައި ވީ ނަމަވެސް ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބަޔަކު މިހާރު ރާއްޖޭގައި ހަމަ އެބަ އުޅޭތޯ އުފެދޭ ސުވާލެވެ.