04 Apr 2023, 09:54
ކޮވިޑްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ އެކްޝަން ފިލްމު "އެކްސްޓްރެކްޝަން"ގެ ދެވަނަ ބައިގެ ޓްރެއިލާ އާއި ރިލީޒް ތާރީހު އާންމުކޮށްފިއެވެ.
"އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެފް ރުޒޯ ޕްރޮޑިއުސްކޮށް ސާމް ހާގްރޭވް ޑައިރެކްޓްކުރި އެ ފިލްމަކީ މިހާތަނަށް ނެޓްފްލިކްސް އިން ނެރުނު އެންމެ ގިނަ ބަޔަކު ބެލި ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. އެއާއެކު ފިލްމުގެ ދެވަނަ ބައެއް ހެދުމަށް ނިންމައި އެކަން އިއުލާނުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.
މާވެލްގެ ސުޕަހީރޯ "ތޯ"ގެ ކެރެކްޓަރުން ފެންނަ ކްރިސް ހެމްސްވޯތު ލީޑުން ފެންނަ އެކްސްޓްރެކްޝަންގެ ފުރަތަމަ ބައި ނިމެނީ އޭނާގެ ކެރެކްޓަރު މަރުވާ މަންޒަރަކާއެކުގައެވެ. އެއާއެކު ފޭނުންގެ މެދުގައި ސުވާލު އުފެދިފައިވަނީ އޭނާ އަނބުރާ ގެންނާނެގޮތަކާ މެދުގައެވެ.
ނެޓްފްލިކްސް އިން އަލަށް ނެރުނު ޓްރެއިލާއިން އެކަމަށް ކޮންމެވެސް ވަރަކަށް ޖަވާބެއް ވަނީ ލިބިފައެވެ. ނެޓްފްލިކްސް އިން ނެރުނު ޓްރެއިލަރުން ފެންނަނީ ފުރަތަމަ ފިލްމުގެ ހާދިސާތަކުގެ ނުވަ މަސް ފަހުން ކަންތައްތައް ވާގޮތެވެ. އަދި ހެމްސްވޯތުގެ ކެރެކްޓަރު މަސައްކަތް ކުރާ ގޮތަށް ކޮންމެވެސް ވަރަކަށް ޓްރެއިލާއިން އަލި އަޅުވާލާފައިވެއެވެ.
"އެކްސްޓްރެކްޝަން 2" ގެ ވެސް މައިގަނޑު ކާސްޓަކީ ކްރިސްއެވެ. އޭނާއާ އެކު މި އެކްޝަން ތުރިލާ އިން ކުރީގެ ބައެއް ކާސްޓުން ފެންނާނެއެވެ. އެކްސްޓްރެކްޝަންގެ ފުރަތަމަ ބައި ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ އޭގައި ބޮލީވުޑްގެ ބައެއް ތަރިން ވެސް ހިމަނާފައިވާތީއެވެ. އޭގެތެރޭގައި ގޮޝިފްޓޭ ފަރުހާނީ އާއި ރަންދީޕް ހޫޑާ އާއި ނޭހާ މަހާޖަން ފަދަ އެކްޓަރުން ހިމެނެއެވެ.
ދެވަނަ ފިލްމުގައި ހެމްސްވޯތުގެ އިތުރުން ފެންނާނީ ގޮލްޝިފްޓޭ އާއި އެޑަމް ބެސާ އާއި ސެމީ ޖޯނަސްގެ އިތުރުން ރުދުރާކް ޖެއިސްވާލްއެވެ. ރުދުރާކްޝް އަކީ ފުރަތަމަ ފިލްމުގައި ވެސް ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 16ގައެވެ.