ރިލަޔަންސް އެންޓަޓެއިންއިން އުފައްދާ ކޯޓް ރޫމް ޑްރާމާ ތްރިލާ ފިލްމުން ބަތަލާ ޑަޔާނާ ޕެންޓީއަށް ފުރުސަތު ލިބިއްޖެއެވެ.

"ސެކްޝަން 84"ގެ ނަމުގައި އުފައްދާ މި ފިލްމުގައި ޑަޔާނާ ޕެންޓީ ފެންނަނީ މެގަ ސްޓާ އަމީތާބް ބައްޗަންއާއެކުއެވެ. އަމީތާބް ފިލްމުގެ ލީޑް ރޯލްއިން ފެންނައިރު ބަތަލާ ޑަޔާނާ ޕެންޓީއަށް ކުޅެން ލިބުނީ ކޮންކަހަލަ ރޯލެއްކަމެއް އަދި ސާފެއްނުވެއެވެ.

ފިލްމު "ކޮކްޓެއިލް"އިން 2012ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ބުނެފައިވަނީ "ސެކްޝަން 84"އަކީ ހުރިހާގޮތަކުންވެސް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. ފިލްމުގެ ވާހަކަ ހާއްސަވުމުގެ އިތުރަށް އެންމެ ބޮޑު އުފަލެއް ލިބިގެންދިޔައީ ހިންދީ ސިނަމާގެ ލެޖެންޑް އަމީތާބް ބައްޗަންއާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމުންކަމަށް ޑަޔާނާ ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ރިބޫ ދާސް ގުޕްތާ ވަނީ ފިލްމުގައި ފެންނަ ހުރިހާ ކެރެކްޓާސްތަކެއްގެ ރޯލްވެސް ގެންނަން ބޭނުންވާގޮތް ވަރަށް ފުރިހަމައަށް ކިޔައިދީފައި ކަމަށާއި ތަޖުރިބާކާރު ފިލްމު ކްރޫއަކާއެކު މަސައްކަތް ކޮށްލަން ލިބުނު މި ފުރުސަތަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް ކަމަށް ޑަޔާނާ ވަނީ ބުނެފައެވެ. މިތަޖުރިބާއިން ވަރަށް ގިނަ ކަންކަން ދަސްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރަށް ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީ ރިބޫ ދާސް ގުޕްތާއެވެ.

މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ތެރެއިން ބޮލީވުޑަށް ތަޢާރަފްވި ޑަޔާނާ ޕެންޓީގެ ފިލްމު "ކޮކްޓެއިލް"އަށްފަހު ބަތަލާގެ މަޤުބޫލުކަން ފިލްމު އިންޑަސްޓްރީގައި ބޮޑުވިނަމަވެސް ޑަޔާނާ ފެނިފައިވަނީ ވަރަށް މަދު ފިލްމުތަކަކުންނެވެ. މިފިލްމަށްފަހު ބަތަލާގެ ފިލްމެއް ބެލުންތެރިންނަށް ފެނުނީ 2016 ވަނަ އަހަރުއެވެ. އެއީ ފިލްމު "ހެޕީ ބާގް ޖާއެނގީ"އެވެ. ޑަޔާނާ އެންމެފަހުން ކުޅުނު ފިލްމަކީ، ދާދިފަހުން ރިލީޒްވި ފިލްމު "ސެލްފީ"އެވެ.