04 Apr 2023, 09:45
ވޯނާ ބްރޮސްގެ ޑީސީ ސުޕަހީރޯ ކެރެކްޓަރުންގެ ތެރެއަށް އަލަށް ތައާރަފުކުރާ "ބްލޫ ބީޓަލް"ގެ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
ޑީސީގެ ކޮމިކްތަކާއި ބައެއް ގޭމްތަކުން ވެސް ފެނިފައިވާ ބްލޫ ބީޓަލްގެ އަމިއްލަ ފިލްމާއެކު ކެރެކްޓަރުގެ ވާހަކަ އިތުރަށް ސިނަމާއަށް އަންނަ މިއީ ފުރަތަމަ ފަހަރެވެ.
އަލަށް ނެރެފައިވާ ޓްރެއިލާއިން ބްލޫ ބީޓަލްގެ ކެރެކްޓަރު ހައިމޭގެ ދިރިއުޅުމަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައެވެ. އެގޮތުން ޑީސީގެ ފުރަތަމަ ލެޓިން އެމެރިކާ ކެރެކްޓަރު ހައިމޭ އަކީ މަޝްހޫރު ރިސޯޓެއްގައި މަސައްކަތް ކުރަން އުޅޭ ޒުވާނެއްކަން ޓްރެއިލާއިން ފެނިގެން ދެއެވެ.
ހައިމޭގެ ދިރިއުޅުން ބަދަލުވަނީ އޭނާއާ އެކު މަސައްކަތް ކުރާ މީހަކު އޭނަ އަތަށް ދޭ ފޮށިގަނޑަކާއެކުގައެވެ. އެ ފޮށިގަނޑުގައި އާދަޔާ ހިލާފު ބާރުތަކެއް ހުރި ބީޓްލް (މަޑި) އެއް އޮވެއެވެ. އެ ބީޓްލް، ހައިމޭ ގައިގައި ޖެހި އޭނާއަށް ބާރުތަކެއް ލިބެއެވެ. ދެން ފިލްމުން ފެނިގެންދާނީ އެ ބީޓްލް ހޯދަން ބަޔަކު އުޅޭ ތަނެވެ. މި މަންޒަރުތައް ޓްރެއިލާއިން ފުރިހަމައަށް ދައްކައިދެއެވެ.
ވޯނާ ބްރޮސް އިން ހާމަކޮށްފައިވާ ގޮތުގައި ފިލްމަށް ބްލޫ ބީޓަލް ޑިޒައިން ކުރުމުގައި ޑީސީގެ ގޭމްތަކުން ވަނީ ހިޔާލު ހޯދާފައެވެ. ހާއްސަކޮށް އިންޖަސްޓިސް ފްރެންޗައިޒްގެ ގޭމްތައް ފާހަގަކުރެވެއެވެ.
ބްލޫ ބީޓަލް ނެރެން ތައްޔާރު މިވަނީ ސިނަމާތަކުގައި ސުޕަހީރޯ ފިލްމުތަކަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. މި އަހަރު މިހާތަނަށް ނެރުނު ހުރިހާ ސުޕަހީރޯ ފިލްމުތަކެއް ވަނީ ބޮޑެތި ފްލޮޕްތަކަށް ވެފައެވެ. އޭގެތެރޭގައި "އޭންޓްމޭން އެންޑް ވޮސްޕް: ކުއަންޓަމޭނިއާ" އާއި "ޝަޒާމް! ފިއުރީ އޮފް ގޯޑްސް" ހިމެނެއެވެ.
ނަމަވެސް ވޯނާ ބްރޮސް އިން ފިލްމަށް ކުރާ އުއްމީދު ބޮޑެވެ. މި ފިލްމު ސިނަމާތަކަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ އޯގަސްޓް 18 ގައެވެ.