21 Apr 2012, 23:03
ދެވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ހުސެއިން އަލީ އާއި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތް ފައިނާޒް ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް ފައިނަލްގައި އާދަމް އަދީލާއި ވާދަކޮށް ސީދާ ދެ ސެޓުން 16-12 / 25-4 އިން މެެޗު ކާމިޔާބުކޮށް ޗެމްޕިއަން ކަންހޯދީ މ.ފުރަންކަރަ ހުސެއިން އަލީއެވެ. އަންހެން ސިންގަލްސް ފައިނަލްގައި އަފީފުއްނިސާ އާއި ވާދަކޮށް ތިން ސެޓު ދެ ސެޓުން 17-9 / 10-13 / 25-8 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ހ.އަލަނިރު އައިޝަތް ފައިނާޒެވެ.
ފިރިހެން ސިންގަލްސްގެ ގަދަ އަށެއްގެ މާޤާމުތަކަށް ކުޅުންތެރިން ހޮވުމަށް ކުޅުނު މެޗުތަކުގެ އިތުރުން އަންހެން ސިންގަލްސްގެ ގަދަ އަށަކަށް ކުޅުންތެރިން ހޮވުމަށް ވެސް މިރޭ ވަނީ މެޗުތައް ކުޅެނިމިފައެވެ. ފިރިހެން ސިންގަލްސް ތިންވަނައަށް ސަދޫހު ސާމިއު، ހަތަރުވަނައަށް ހަސަން ޝާމިން، ފަސްވަނައަށް އިބްރާހިމް މުހައްމަދު، ހަވަނައަށް އަބްދުﷲ ހަރީފް، ހަތްވަނައަށް އަލީ ނިޝާމަން ނިޒާރު ހޮވުނުއިރު އަންވަނަ އަށް ހޮވުނީ އިބްރާހިމް ނާޒިމެވެ.
އަންހެން ސިންގަލްސްގެ ތިންވަނައަށް އައިޝަތް ޝަޒުނާ، ހަތަރުވަނައަށް އައިމިނަތް ނިފާޝާ، ފަސްވަނައަށް އައިމިނަތް ވިޝާމާ، ހަވަނައަށް ޖުމާނާ ޚަލީލް، ހަތްވަނައަށް ފާތިމަތް ރަޔާން ހޮވުނުއިރު އަންވަނަ އަށް ހޮވުނީ ފާތިމަތް ރައުފާއެވެ.
މި މުބާރާތުގެ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްޑަބަލްސްގެ ފައިނަލްތައް ކުޅެ ޗެމްޕިއަންނުން ވެސް ވަނީ މިހާރު ހޮވިފައެވެ.
މާދަމާ ހަވީރު 16:00 ގައި މި މުބާރާތުގެ އެންމެ ފަހު އަދި އެންމެ މުހިއްމު އިވެންޓު ކަމުގައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު ކުޅެވޭނެއެވެ. މުބާރާތް ނިންމާ ފައިނަލްގައި ބައްދަލުކުރާނީ ހުސެއިން ނީޝާމް އާއި ހުސެއިން އަލީއެވެ. ހުސެއިން ނީޝާމަކީ ޤައުމީ ޗެމްޕިއަންކަން ހަފަހަރެއްގެ މަތިން ހޯދާ އަދި މިދިޔަ އަހަރު ބޭއްވުނު އެއްވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ރަނަރަޕްވެސްމެއެވެ. ހުސެއިން އަލީ އަކީ ޤައުމީ ޗެމްޕިއަންކަން އެއްފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންވެސް މެއެވެ.
މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗް ޓީ.ވީ.އެމް އިން ވަގުތުން ދުރަށް ދެކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެޗު ބެލުމަށް ބޭނުންވާ ފަރާތްތަކަށް މެޗު ކުރިއަށްދާ ރަސްމީ ކެރަމް ހޯލު ވަނީ އާންމުކޮށް ހުޅުވާލެވިފަ އެވެ.