ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ފަރާތުން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީ ހިމެނޭހެން ޖުމުލަ ފަސް ފަރާތަކަށް މިއަދު ކޯލިޝަން ދައުވަތު ފޮނުއްވައިފިއެވެ.

ޖޭޕީގެ ސެކެޓަރީ ޖެނެރަލް އަލީ އާރިފް މިއަދު "ސަން"އަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ފަރާތުން އެ މަނިކުފާނު ސޮއިކުރައްވައި، ފަސް ފަރާތަކަށް މިއަދު ކޯލިޝަން ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

ގާސިމްގެ ފަރާތުން ކޯލިޝަން ދައުވަތު ފޮނުވާފައިވަނީ:

  • ޕީޕީއެމް/ޕީއެންސީ

  • އެމްއެންޕީ
  • އެމްއާރްއެމް
  • ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ ޖޭޕީން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ދައުވަތު ފޮނުއްވާފައިވަނިކޮށެވެ.

އެ ޕާޓީގެ ކައުންސިލުން މިއަދު ވަނީ މިދިޔަ 2008ވަނަ އަހަރާއި 2013ވަނަ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ގާސިމަކީ މި އަހަރުގެ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައަޅައިފައެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން މުއްދަތު ހަމަވީއިރު، ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާސިމް އެކަންޏެވެ. އެ މަނިކުފާނު މިހާރު ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންނެވެ. ދެ ޕާޓީގެ އިސްވެރިން ގެންދަވަނީ ކޯލިޝަން އެއްބަސްވުމެއްގެ މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވަައިފައެވެ. އެ މަނިކުފާނުގެ ފެކްޝަނުން ނިންމީ، މި އިންތިޚާބުގައި ގާސިމަށް ތާއީދު ކުރާށެވެ.