21 Apr 2012, 21:43
ދަރުބާރުގެ އާއި ހުރަވީ ބިލްޑިންގުގެ މައްސަލާގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަކަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ފޯރުކޮށްދޭ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގް މިނިސްޓްރީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދަރުބާރުގެ އަލުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަން ޖެހުނީ ލޯކަލް ކައުންސިލްގެ ގަވައިދުގެ ހަތަރު ވަނަ ނަމްބަރުގެ (ށ)ގެ އެކެއްގެ ދަށުން ކަމަށާއި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިގްތިސާދީ އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުޅޭ ކަމަކަށް ދައުލަތުގެ ބިން ނުވަތަ ދައުލަތުގެ ބިން ހިމެނޭ ސަރަހައްދު ބޭނުންވާ ކަމަށް ވަޒީރުންގެ މަޖިލިހުން ނިންމެވުމުން ބިންތަކާއި ބިމުގައިވާ އިމާރާތްތައް އަނބުރާ ސަރުކާރަށް ނެގިދާނެ ކަމަށް އޮތުމުން ކަމަށެވެ.
"... މިދެންނެވި އުސޫލުގެ މަތިން 27 މާޗްގައި ބޭއްވި ވަޒީރުންގެ މަޖިލިހުގައި މަޝްވަރާކުރެއްވުމަށް ފަހު ދަރުބާރުގެ މި މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ނިންމަވައި ރައީސް އޮފީހުން މި މިނިސްޓްރީ އަށާއި މާލޭ ސިޓީ ކައުންސިލަށް އެކަން ވަނީ އަންގާފައި،" ބަޔާނުގައިވެ އެވެ.
ހައުސިންގް މިނިސްޓްރީ އިން ބުނެފައި ވަނީ ރައީސް އޮފީހުން ދަރުބާރުގޭ ހިދުމަތްތައް ދިނުމުގެ މެންޑޭޓް އެ މިނިސްޓްރީއާ ހަވާލުކުރުމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ދަރުބާރުގޭގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން އެކޮމިޝަނުގެ ފަރާތުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ދަރުބާރުގޭގައި އެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައި ރަސްމީގަޑީގައި އެތަން ތަޅުލުމަށް ފަހު މުވައްޒަފުންނަށް އެތަނުގައި ނުތިބޭވޭނެ ކަމަށް ބުނެ މުވައްޒަފުން ފޮނުވާލި ކަމަށެވެ.
"... މިކަންކަން މިހެން ހަމަޖެހުމާއި ގުޅިގެން ދަރުބާރުގެއާއި މިމިނިސްޓްރީން ހަވާލުވުމުގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި ސިޓީ ކައުންސިލަށް މިމިނސްޓްރީން ދެފަހަރެއްގެ މަތީން ދެންނެވުމުން ވެސް އެދެންނެވުންތަކަށް އެކަށީގެންވާ އިޖާބައެއް ދެއްވާފައެއް ނުވޭ،" ބަޔާނުގައިވެ އެވެ.
ހުރަވީ ބިލްޑިންގާ ގުޅޭ ގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން އަލުން އުފައްދާ ދެ މިނިސްޓްރީ އަކަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖައްސެވުމަށް ހައުސިންގް މިނސްޓްރީގެ ޓީމެއް ދިއުމުން އެކަމަށް ވެސް އެއްބާރުލުން ސިޓީ ކައުންސިލުން ނުދިނުމުގެ ސަބަބުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރަވީ ބިލްޑިންގ ފްލޯގެ އެއިމާރާތުގެ އިރުމަތީ ބުލޮކާއި ހުޅަނގު ބުލޮކް ހައުސިން މިނސްޓްރީއާއި ހަވާލްކުރުމަށް އެންގެވި ކަމަށެވެ.
"...އެތަންތަނަކީ އެދުވަހާއި ހަމައަށް ވެސް ތަޅުލާފައި ހުރި އަދި ބޭރުދޮރުގައި އެތަނުގައި ދެމުން ދިޔަ ހިދުމަތްތައް އެހެން އިމާރާތާކަށް ދެމުން ގެންދާ ކަމަށް ނޯޓިސް ވެސް ހަރުކޮށްފައިވާ ތަންތަން. އެތަންތަން ހަވާލުކުރުމަށް ދެންނެވުމުން ސިޓީ ކައުންސިލުން ދެއްވަމުން ގެންދަވާ ހިދުމަތްތަކަށް މިމިނިސްޓްރީން ހުރަސްއަޅާ ކަމަށް ވިދާޅުވެ މީޑިޔާ އަށް ދެއްވި ކަމީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅުވާލެއްވުމަށް ކުރެއްވި ކަމެއްކަމަށް މިމިނިސްޓްރީން ދެކެން،" ބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ ދަރުބާރުގެހޯދުމުގަ އާއި ހުރަވީ ބިލްޑިންގް ތިރީބުރި ހުސްކޮށް ހުރިތަންތައް ހޯދުމަށް އެމިނިސްޓްރީ އިން ސިޓީ ކައުންސިލްގައި ދެންނެވި ދެންނެވުމަކީ ސިޓީ ކައުންސިލުން ދެމުން ގެންދާ އެއްވެސް ހިދުމަތަކަށް އެއްވެސް ބުރުލެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.