ނިއުޔޯކް (3 އެޕްރީލް 2023): އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ރަޝިއާ ހަވާލުވުމުން އެމެރިކާއާއި ޔުކްރެއިނުން ކަންބޮޑުވާކަން ހާމަކޮށްފިއެވެ.

އެމެރިކާ ބުނީ ރަޝިއާއަކީ އެގައުމުގެ އަވަށްޓެރި ގައުމުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގާ ގައުމެއްކަމަށާއި ރަޝިއާއަށް ސަލާމަތީ މަޖިލީހުގެ ރިޔާސަތު ލިބުމަކީ ދެރަކަމެއް ކަމަށެވެ. ނަމަވެސް މިކަމާ ދެކޮޅަށް ވެސް އަދި މިކަން ހުއްޓުވަން ވެސް އެމެރިކާއަށް ކުރެވޭނެ އެއްވެސް ކަމެއްނެތް ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖީން ޕިޔާރޭ ވިދާޅުވިއެވެ. ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީވެސް ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ.

ރަޝިއާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރެކެވެ. އެމެރިކާ އެކޭ އެއްގޮތަށް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމެކެވެ. ރަޝިޔާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުވެސް ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައިވެއެވެ.

ފަނަރަ ގައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ގައުމު ކޮންމެ މަހަކުވެސް ބަދަލުވެއެވެ. ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ގައުމު ކަނޑައަޅަނީ އިނގިރޭސި އަކުރުތަކުގެ ތަރުތީބުންނެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތާ އަލުން ހަވާލުވުމަށްފަހު ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ރިޔާސަތުގެ ހައިސިއްޔަތުން ލިބިގެންވާ ހުރިހާ ހައްގުތަކެއް އެގައުމުން އެންމެ ފުރިހަމައަށް ހިފާނެ ކަމުގައެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ރަޝިޔާ ހަވާލުވެފައި މިވަނީ ޔުކްރެއިން ހަނގުރާމައިގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކެއް ރަޝިއާ ހިންގި ކަމަށް ބުނެ އެގައުމުގެ ރައީސް ވަލްދިމީރު ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ޕޫޓިންއާ ދެކޮޅަށް އަމުރު ނެރުނީ ރަޝިއާއިން ޔޫކްރެއިނުގެ ދުންބާސް ސަރަހައްދުގެ (ރަޝިއާ ދަރިކޮޅުގެ) ކުޑަކުދިންތަކެއް، ރަޝިޔާއަށް ގެންގޮސް ރަޝިއާގެ އާއިލާތަކާ ހަވާލުކޮށްގެން އެކުދިން ބެލެހެއްޓުމުގެ ކަންތައް ކުރިޔަށްގެންދާތީއެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބައިނަލްއަގްވާމީ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ރަޝިއާ ބުނާގޮތުން މިއީ ރައީސް ޕޫޓިންގެ އަގުވައްޓާލުމަށް އެމެރިކާ ފަހަތުގައި އޮވެގެން އައިސީސީ ލައްވައި ނެރުނު ސިޔާސީ އަމުރެކެވެ.

ޚުދު އެމެރިކާއަކީ އައިސީސީގެ އަމުރުތަކަށް ބޯލަނބާ ގައުމެއްނޫނެވެ. ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ތުހުމަތުކުރެވޭ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި އެމެރިކާގެ ބައެއް ސިފައިންނާއި އެމެރިކާގެ ކުރީގެ އިސް މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގުމުގެ އަމުރު ނުނެރެވޭނެ ކަމަށް ބުނެ އެމެރިކާވަނީ އެކޯޓަށް އިންޒާރު ދީފައެވެ. އަނެއްކޮޅުން އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލަންފެށުމުންވެސް އެމެރިކާވަނީ އެކޯޓުގެ ވެރިންނަށް އިންޒާރު ދީ ބިރު ދައްކާފައެވެ.