03 Apr 2023, 11:03
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރާއި މިއަދު ހެނދުނު ހިނގި ދެ އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު އެމްޕީއެލް ފްލެޓް ކައިރީ ސައިކަލަކާއި ޕިކަޕެއް އެކްސިޑެންޓުވެ، އަނިޔާވި ފަހުންނެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 9:56 އެހާކަންހާއިރެވެ.
އެ މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ރޭ ދަންވަރު އެކްސިޑެންޓު ވެފައި ވަނީ އިންޑިއާގެ ޖޭއެމްސީއިން ދެވަނަ ފިޔަވަހީގައި ފްލެޓުތައް އަޅަމުންދާ ސަރަހައްދުގައެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 1:20 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ ހާދިސާގައި 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވާ މަހެކެވެ. އެހެންކަމުން ފުލުހުން ވަނީ މި ރޯދަމަހުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޓްރެފިކު ފްލޯ ބެލެހެއްޓުމަށް ކަމަށް މީގެ ކުރިން ބުނެފައެވެ.