03 Apr 2023, 11:23
ސޮނީ ޓެލެވިޒަންއިން ދައްކަމުން އަންނަ ދުވަސްވީ ޝޯވް އިންޑިއަން އައިޑޮލްގެ 13ވަނަ ސީޒަން ރިޝީ ސިންގް ކާމިޔާބުކޮށްފިއެވެ.
ހަތް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްދިޔަ މިކާމިޔާބު ޝޯވްގެ ފައިނަލްގައި ރިޝީއާ ވާދަކޮށްފައިވަނީ ޝިވަމް ސިންގް، ބިދިޕްތާ ޗަކްރަބަތީ، ޗިރާގް ކޮޓްވަލް، ދެބޯޝްމިތާ ރޯއި އަދި ސޮނާކްޝިކާރްއެވެ. މި ބައިވެރިންގެ ތެރެއިން ރިޝީއާ ވާދަކޮށް ޝޯވްގެ ދެވަނަ މަޤާމު ކާމިޔާބުކުރީ ދެބޯޝްމިތާ ރޯއިއެވެ. އަދި ޝޯވްގެ ތިންވަނަ ކާމިޔާބުކުރީ ޗިރާގް ކޮޓްވާލާއެވެ.
ރިޝީ ސިންގް ޝޯވްގެ ޓްރޮފީ އުފުލާލާފައިވާއިރު އިނާމެއްގެގޮތުން އޭނާއަށް ވަނީ 25ލައްކަ ރުޕީސްއާއި ކާރެއް ލިބިފައެވެ. ވަރަށް ފޯރިގަދަކޮށް ރޭ ދެއްކި ފިނާލޭ ޝޯވްގައި ފައިނަލުގައި ވާދަކުރި ހަ ބައިވެރިން ވެސް ވަނީ ލަވަތައް ހުށަހަޅާފައެވެ. ރޭގެ ޝޯވްގެ ފޯރިގަދަ ހުށަހެޅުންތައް ބައިވެރިން ހުށަހެޅިއިރު މި ޝޯވްގެ ފަނޑިޔާރުންކަމަށްވާ ނެހާ ކައްކަރު، ހިމޭޝް ރޭޝަމިޔާ އަދި ވިޝާލް ދަދްލާނީ ވެސް ވަނީ ބައިވެރިންގެ ހުށަހެޅުންތަކުގައި ބައިވެރިވެފައެވެ. މީގެއިތުރުން ރޭގެ ފިނާލޭ ޝޯވްގައި އިންޑިއާސް ބެސްޓް ޑާންސާ3 ގެ ފަނޑިޔާރުންކަމަށްވާ ބަތަލާ ސޮނާލީ ބެންޑްރޭއާއި ކޮރިއަގްރާފަރުން ކަމަށް ވާ ގީތާ ކަޕޫރު އަދި ޓެރެންސް ވެސް ވަނީ ބައިވެރިވެފައެވެ.
އިންޑިއާގެ ސްޓޭޓްއެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ އަޔޯދްޔާ ސިޓީއަށް ނިސްބަތްވާ ރިޝީ ސިންގްއަކީ މުޅި މުބާރާތުގެ ތެރެއިން ވެސް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ބައިވެރިއެކެވެ. އަދި ރިޝީގެ ކޮންމެ ހުށަހެޅުމެއް ވެސް ދުވަހެއް ދުވަހަކަށްދިޔައީ އިތުރަށް ރަނގަޅުވަމުންކަމަށް ފަނޑިޔާރުން ވަނީ އެކި ފަހަރުމަތިން ބުނެފައެވެ.
ރިޝީގެ މި ކާމިޔާބީއާ ބެހޭގޮތުން ޒުވާން ލަވަކިޔުންތެރިޔާ ބުނެފައިވަނީ، އަމިއްލަ ނަން ސްޓޭޖްމަތިން އިޢުލާނުކުރި ވަގުތު އުފަލުން ރޮވުނުކަމުގައެވެ. އަދި އިންޑިއަން އައިޑޮލްފަދަ ޕްލެޓްފޯމަކުން ފުރުސަތު ލިބި މުބާރާތުގެ ޓްރޮފީ ކާމިޔާބުކުރެވުމަކީ ހުވަފެނެއް ސީދާވުން ކަހަލަ ކަމެއްކަމަށް ރިޝީ ވަނީ ބުނެފައެވެ. ރިޝީގެ މި ކާމިޔާބީގެ ހުރިހާ ޝުކުރެއް އޭނާ އަދާކޮށްފައިވަނީ އޭނާގެ މައިންބަފައިންނަށާއި ބެލުންތެރިންނަށެވެ.
ރިޝީއަކީ މިފަހަރުގެ ސީޒަންގެ ބައިވެރިންގެތެރެއިން ހުރިހާ ވައްތަރެއްގެ ލަވަތައް ކިޔުމަށް ވެސް ވަރަށް މޮޅު ހުނަރުން ފުރިގެންވާ ޒުވާނެކެވެ. މިޒުވާނާ ރޭ ހާސިލުކުރި ކާމިޔާބީއާއެކު ކުރިޔަށްއޮތްތަނުގައި ގިނަ ފުރުސަތުތަކެއް ލަވަކިޔުމުގެ ދާއިރާއިން ހުޅުވިގެންދާނެކަމަށް ފަނޑިޔާރުން ވަނީ ބުނެފައެވެ.