21 Apr 2012, 21:26
ފުލުހުން މއ. ކުއްޅަފިލާގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކަކާއި ގިނައަދަދެއްގެ ފައިސާ ތަކަކާ އެކު އެގެއިން ތިންމީހަކު ހައްޔަރު ކޮށްފި އެވެ.
އެމައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރ. އިންނަމާދޫ ފެމޯރާގެ މުޙައްމަދު ސަލީމް (49އ) އާއި ޏ. ފުވައްމުލައް ސުހުރަތު މުޙައްމަދު މުރުޝިދު (23އ) ގެ އިތުރުން މ. ފަންއަރި އާއިޝަތު ހަނާ (22އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މީހުން ބަލާ ފާސްކުރި އިރު މުހަންމަދު ސަލީމް ލައިގެން ހުރި އެއްޗިހީގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ. އަދި އެ ގޭގެ ތެރެއިން ހަތް ރަބަރު ޕެކެޓާއި 49،000ރ. އަށްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެ ގެ ފާސްކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުއްޅަފިލާގެ އަކީ މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް އާލާތާއި މަސްތުވާތަކެތި އެކި ފަހަރުމަތިން ފުލުހުން ހޯދާފައިވާ ގެ އެކެވެ.