03 Apr 2023, 10:43
ރެއާލް މެޑްރިޑްރިޑްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާގެ ހެޓްރިކަކާއެކު އެ ޓީމުން ރެއާލް ވަލޮޑޮލިޑް ތަފާތު ބޮޑުކޮށް ބަލިކޮށްފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މާކޯ އެސެންސިއޯ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ރޮޑްރިގޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ބެންޒެމާ ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭނާ ވަނީ ހަތް މިނެޓު ތެރޭގައި އިތުރު ދެ ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ. ވިނީޝިއަސްގެ އެހީއާއެކު 32 ވަނަ މިނެޓުގައި އޭނާ ދެވަނަ ގޯލު ޖެހިއިރު ތިންވަނަ ގޯލަކީ 36 ވަނަ މިނެޓުގައި ރޮޑްރިގޯގެ އެހީއާއެކު ޖެހި ގޯލެކެވެ.

ރެއާލް މެޑްރިޑާއި ރެއާލް ވަލޮޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން ----
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެސެންސިއޯ ގޯލެއް ޖެހިއެވެ.
މީގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެޑެން ހަޒާޑް ތަނަވަސްކުރި ފުރުސަތަކުން ލޫކަސް ވަޒްކުއޭޒް ވަނީ މެޗުގެ ހަވަނަ ގޯލު ޖަހައިފައެވެ.
އެ މެޗުން ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް އެ ޓީމު ތާވަލުގެ ދެވަނައިގައި އޮތީ 27 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައި 27 މެޗު ކުޅެ 71 ޕޮއިންޓު ހޯދައިގެން އޮތީ ބާސާއެވެ. އަަދި މެޗުން ބަލިވި ވަލޮޑޮލިޑް ތާވަލުގެ 16 ވަނައިގައި އޮތީ 27 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ.