03 Apr 2023, 10:32
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ކުރިހޯދައި ނިއުކާސަލް ޔުނައިޓެޑް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ނިއުކާސަލް އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ނިއުކާސަލްގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެކެވެ. އެ ޓީމުން ވަނީ މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އަލެކްސަންޑަ އައިސާކް އާއި ޖޯ ވިލޮކްގެ ހަމަލާތަކަށް ހުރަސް އެޅީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާއެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ފަސްދޮޅަސް ފަސް ވަނަ މިނެޓުގައި އެ ޓީމަށް އެ ގޯލު ޖަހައިދިނީ ޖޯ ވިލޮކްއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން ---
މީގެއިތުރުން މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލު ޖަހައިފައިވަނީ ކެލުމް ވިލްސަންއެވެ.
އެ މޮޅާއެކު ނިއުކާސަލް ތާވަލުގެ ތިން ވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޔުނައިޓެޑަށް ވެސް 27 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ނަމަވެސް ނިއުކާސަލްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ނިއުކާސަލްއަށް 22 ފައިދާ ގޯލު ލިބިފައިވާއިރު ޔުނައިޓެޑަށް ލިބުނީ ހަތަރު ފައިދާ ގޯލެވެ.