ހިންދީ ސިނަމާގެ އިތުރުން ސައުތް ސިނަމާގެވެސް ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ވިވެކް އޮބްރޯއި މިހާރު އެންމެ ކުޅެން ބޭނުންވަނީ މަރާޓީ ފިލްމެއްކަމަށް އެކްޓަރު ބުނެފިއެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ވިވެކްވަނީ، ތެލުގޫ، މަލަޔާޅަމް، ކަންނާޑާ އަދި ތަމަޅަ ފިލްމުތައް ކުޅެފައެވެ.

މިހާތަނަށް މަރާޓީ ފިލްމަކުން ފުރުޞަތު ލިބިފައިނުވާތީ ވިވެކްގެ ގާތް އެކުވެރިޔާ ރިތޭޝް ދޭޝްމުކްއާއެކު މަރާޓީ ފިލްމެއް އުފެއްދުމުގެ މަޝްވަރާކޮށްފައިވާނެކަމަށް ވިވެކްވަނީ ބުނެފައެވެ. ރިތޭޝްއާއި ވިވެކްއަކީ ފިލްމު "މަސްތީ"ގައި އެކީގައި މަސައްކަތްކުރި ދެ އެކްޓަރުންނެވެ. ރިތޭޝްއަކީ މަރާޓީ ފިލްމުތައް ޕްރޮޑިއުސްކުރާ ފަރާތެއްކަމުން ވިވެކްއާއެކު ފިލްމެއް އުފެއްދުމުގެ ޚިޔާލު ގެންގުޅޭކަމަށްވަނީ ބުނެފައެވެ.

ވިވެކްވެސް ބުނެފައިވަނީ ފިލްމު "މަސްތީ"އަށްފަހު ދެ ތަރިން އެކީގައި ފެންނަ ފިލްމަކުން ފުރުޞަތު ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ. ވިވެކް ކުޅުނު ރީތި ފިލްމުތަކުގެތެރޭގައި "ސާތިޔާ"، "ދަމް"، "ކާލް"، "ކިސްނާ"، "އޯމްކާރާ" އަދި "ޝޫޓް އައުޓް އެޓް ލޯކަންޑްވާލާ" ހިމެނެއެވެ. ފަހަކަށް އައިސް ވިވެކް ގިނައިން ފެނިފައިވަނީ ނުބައިބައި ރޯލްތަކުންނާއި ވެބް ސީރީސްތަކުންނެވެ. ވިވެކް ބުނެފައިވަނީ، ވަކި ރީޖަންއަކަށް ނިސްބަތްވާ ފިލްމެއްކުޅެން މިހާރު އިސްކަން ނުދޭކަމަށެވެ.

ސަބަބަކީ ރީޖަނަލް ސިނަމާއަކީ މިހާރު އެއްވެސް ރީޖަންއަކަށް ނިސްބަތްވާ އެއްޗެއްކަމަށް ޤަބޫލުނުކުރާތީކަމަށް އެކްޓަރުވަނީ ބުނެފައެވެ. މިހާރު ސިނަމާއަށް އަންނަ ގިނަ ފިލްމުތައް ބެހިފައިވަނީ ރަގަޅު ފިލްމެއް ނުވަތަ ގޯސް ފިލްމެއްކަމަށް ބުނަމުން ވިވެކް ބުނީ ރަގަޅު ފިލްމެއްނަމަ ދުނިޔޭގެ ކޮންމެ ހިސާބެއްގެ ކޮންމެ ސަރަޙައްދަކުންވެސް އެފިލްމަކަށް ތަރުޙީބު ލިބޭނެކަމަށެވެ. މިސާލެއްގެގޮތުން ވިވެކް ފާހަގަކޮށްފައިވަނީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ ފިލްމު "ވެދް"އެވެ. މިފިލްމު ވެގެން ގޮސްފައިވަނީ މިހާތަނަށް ރިލީޒްވެފައިވާ މަރާޓީ ފިލްމުތަކުގެތެރެއިން ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

ވިވެކް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ކުރު ފިލްމު "ވާސަސް އޮފް ވޯ"އިންނެވެ. ވިވެކް އަމިއްލައަށް ޕްރޮޑިއުސްކޮށް ލީޑްރޯލްކުޅޭ ފިލްމެއް ވަރަށް އަވަހަށް އިޢުލާނުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.