ޗެލްސީގެ ކޯޗުކަމުން އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ވަކިކޮށްފިއެވެ.

ޕޮޓާ ޗެލްސީގެ ކޯޗުކަމަަށް ގެނެސްފައިވަނީ މީގެ ހަތް މަސް ކުރިންނެވެ. ނަމަވެެސް ޗެލްސީގެ މެނޭޖުމަންޓުން ބޭނުންވި ފަދަ ނަތީޖާއެއް އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ދެއްކިފައި ނުވާތީ މެނޭޖުމަންޓުން ނިންމީ ޕޮޓާ މަގާމުން ވަކިކުރާށެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ 22 މެޗެއް ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތް މެޗުންނެވެ. އަދި ހަތް މެޗުން އެ ޓީމު އެއްވަރު ވެފައިވާއިރު އަށް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް 28 މެޗެއް ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށް، އެ ޓީމުގެ ވެރިޔާ ޓޮޑް ބޯލީ ބުނީ ޕޮޓާއަށް އެ ޓީމުން ފުރިހަމައަށް އިތުބާރުކުރާކަމަށެވެ. ޕޮޓާއަކީ ޕްރޮފެޝަނަލްކަމާއި އަމާނާތްތެރިކަމާއެކު ޓީމު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކޯޗެއްކަމަށް ވެސް ބޯލީ ބުންޏެވެ.

އޭނާ ބުނީ ލީގުގައި މިހާރު ބާކީ އޮތީ 10 މެޗުކަމަށާއި އެ ޓީމުގެ މެނޭޖުމެންޓުން ބޭނުންވަނީ އެ މެޗުތަކުން އެކަށޭނަ ނަތީޖާއެއް ނެރެންކަމަށެވެ.

"ސީޒަންގައި ބާކީ އޮތް ކޮންމެ މެޗެއްގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ. އޭރުން ސީޒަން ކާމިޔާބުކަމާއެކު ނިންމާލެވޭނީ،" ބޯލީ ބުންޏެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޕޮޓާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އޭގެ ކުރިން އޭނާ ވަނީ އިނގިރޭސި ކުލަބު ބްރައިޓަންގެ ކޯޗުކަން ވެސް ކޮށްފައެވެ.