ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކައިވެނީގެ ވާހަކައަކީ މިދުވަސްވަރު މީޑިއާތަކުން އެންމެ ގިނައިން ތިލަކުރަމުން އަންނަ އެއް ޚަބަރެވެ. މީގެ އަހަރުތަކެއްކުރިން އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނެފައިވަނީ ސިޔާސީ ދާއިރާއަށް ނިސްބަތްވާ ފަރާތަކާއެކު ކައިވެނީގެ ގުޅުމަކަށް ދާން ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ނޫސްތަކުގައި ވޭތުވެދިޔަ ދުވަސްތަކުގައި ފެންމަތިވެފައިވަނީ ބަތަލާ އާއި އިންޑިއާގެ ސިޔާސީ ލީޑަރު ރާގަވް ޗައްޑާގެ ލޯބީގެ ގުޅުމުގެ ޚަބަރުތަކެވެ.

ޕަރިނީތީއާއި ރާގަވްއާ ދެމެދު ޚާއްސަ ގުޅުމެއް އޮންނަކަމުގެ ޚަބަރުތައް ފެންމަތިވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ދެ މީހުން އެކީގައި ކެއުމަކަށް އިންސާފުކުރުމަށްފަހު ރެސްޓޯރެންޓަކުން ނިކުންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އޭގެ ފަހުން ދެ މީހުން ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ވަރަށް ގަދައަށް ވަނީ ދެކެވެން ފަށާފައެވެ. މި ވާހަކަތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ ދާދިފަހުން ދެ މީހުން އެކީގައި މުމްބާއީ އެއާޕޯޓުން ފެނުމާ ގުޅިގެންނެވެ.

ޕަރިނީތީއާއި ރާގަވް ވަރަށް ލަދުން ހުރެ އަމިއްލަ ކާރަށް އަރަންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. ޕަރިނީތީގެ މި ވީޑިއޯއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ބުނެފައިވަނީ، ޕަރިނީތީއަކީ، ވަރަށް ހިތްހެޔޮ އެހާމެ ލޯބި ބަތަލާއެއް ކަމުގައެވެ. އެހެންކަމުން ދިރިއުޅުމުގައި އުފާވެރިކަން ބަތަލާއަށް ހައްޤުކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.

ބަތަލާގެ ކައިވެނީގެ ވާހަކަތައް އެހާ ގަދަޔަށް ފެތުރިފައިވީ ނަމަވެސް މިހާތަނަށް ދެ ފަރާތުންވެސް މި ގުޅުމާބެހޭގޮތުން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. އިންޑިއާގެ ސިޔާސީ ޕާޓީ އާމް އާދްމީ ޕާޓީގެ އެންމެ ޒުވާން ޕާލަމަންޓް ލީޑަރު ރާގަވް ޗައްޑާއަކީ، ވަރަށް ކުރީއްސުރެވެސް ޕަރިނީތީއާ ގާތްގުޅުމެއް އޮންނަ ފަރާތެއްކަމަށް ރިޕޯޓުތައް ބުނެއެވެ.