މިހާރުގެ ފިރިމީހާ އަދި އެމެރިކަން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާއި ބައްދަލުވިއިރު ބަތަލާ ހުރީ ހުސްކޮށް ނޫންކަމަށާއި، ނަމަވެސް އޭރުގެ ލޯބިވެރިޔާއާ އޮތްގުޅުން ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

އޭރުގެ ލޯބިވެރިޔާގެ ނަން ހާމަކުރަން ބޭނުންނުވާކަމަށް ބުނަމުން ޕްރިޔަންކާ ބުނެފައިވަނީ އެންމެ ފުރަތަމަ ނިކްއާ ވާހަކަ ދައްކަން ވަރަށް ބޮޑަށް ޖެހިލުންވިކަމުގައެވެ. ސަބަބަކީ ދެ މީހުންގެ ޢުމުރުގައި ބޮޑު ތަފާތެއް ހުރުމުންކަމަށް ވެސް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

ޕްރިޔަންކާއަށް ނިކް އެންމެ ފުރަތަމަ ތައާރަފްވީ 2016ވަނަ އަހަރު ޕްރިޔަންކާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ނިކް ފޮނުވި މެސެޖުތަކަކާ ގުޅިގެންނެވެ. މި މެސެޖުތަކާއެކު ޕްރިޔަންކާގެ ޓީމަށް މެސެޖުތައް ފެނިދާނެތީ އަމިއްލަ ނަމްބަރަށް މެސެޖުކުރުމަށް އޭރު ޕްރިޔަންކާ ނިކްގެ ގާތުން އެދުނެވެ. އޭގެފަހުން ދެމީހުން ވަނީ 2017ވަނަ އަހަރު ބޭއްވި މެޓް ގާލާ އިވެންޓުގައި އެކީގައި ފެނިފައެވެ. މެޓް ގާލާ އިވެންޓަށްފަހު ދެމީހުންގެ ގުޅުން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ސިއްރުންނެވެ.

އެމެރިކާގެ ޕްޑްކާސްޓް ޝޯވްއަކަށް ބަތަލާ ދިން އިންޓަވިއުގައި ބުނެފައިވަނީ، ނިކް ޖޯނަސްއަށް ޕްރިޔަންކާ ތަޢާރަފްކޮށްދިނީ ނިކްގެ ބޭބެ ކެވިން ޖޯނަސް ކަމުގައެވެ. ޕްރިޔަންކާގެ ވެބް ސީރީސް "ކްއަންޓިކޯ" ކެވިން ޖޯނަސްއަށް ވަރަށް ބޮޑަށް ކަމުގޮސް ޕްރިޔަންކާއާ ބެހޭ މަޢުލޫމާތު އެއްކުރުމަށްފަހު ނިކް ގާތުން އެދުނީ ޕްރިޔަންކާއަށް މެސެޖު ކުރުމަށް ކަމަށް ބަތަލާ ބުނެފައިވެއެވެ. ނިކްގެ މެސެޖުތަކާއެކު އެ ގުޅުން ކުރިޔަށް ގެންދިއުމަށް ފަސްޖެހުނު ސަބަބަކީ އޭރުގެ ލޯބިވެރިޔާއާއެކު އޮތް ގުޅުމުގައި މައްސަލަޖެހި އެގުޅުން ކުރިޔަށް ގެންދިއުމުގައި ދެ ހިޔާލެއްގެމަތީ ހުރެވުމުންކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އަމިއްލަ ވަރަށް ގިނަ ވާހަކަތަކެއް ބެލުންތެރިންނާ ހިއްސާކުރި މިޕޮޑްކާސްޓުގައި ޕްރިޔަންކާ ބުނީ އޭރު ވިސްނަމުންދިޔައީ ޒަވާޖީ ޙަޔާތެއް ފެށުމަށްކަމަށެވެ. އެކަމަށް ދެމީހުންގެ ޢުމުރުގެ ހުރި ތަފާތު ހުރަހަކަށް ހަދަން ބޭނުންނުވީ ނިކް ރަގަޅަށް ދަސްވެ ޙަޔާތުގެ ބައިވެރިއަކަށް ނިކްއަކީ އެންމެ ރަގަޅު ބައިވެރިޔާކަމަށް ވިސްނުމުންކަމަށް ބަތަލާވަނީ ބުނެފައެވެ.

ލޯބީގެގޮތުން ދެ މަސް ދުވަހު ގުޅިގެން އުޅުމަށްފަހު ޕްރިޔަންކާއާއި ނިކް ޖޯނަސް އެންމެން ސިއްސުވާލީ 2018ވަނަ އަހަރު ބޭއްވި ވަރުގަދަ ކައިވެނީގެ ރަސްމިއްޔާތުތަކާއެކުއެވެ. އެ ދުވަސްކޮޅު ޕްރިޔަންކާ އުމުރުން ދޮށިވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ބަތަލާއަށް ނިސްބަތްވިއެވެ. އެހެންނަމަވެސް ދެ މީހުން ވެސް އަންނަނީ އުމުރުގެ ތަފާތަށް ބެލުމެއްނެތި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންނެވެ. ޕްރިޔަންކާއާއި ނިކްއަށް ވަނީ ސަރޮގޭސީ މެދުވެރިކޮށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު މާލްތީ މޭރީ ޖޯނަސް ނަމަކަށްކިޔާ އަންހެން ކުއްޖަކު ވެސް ލިބިފައެވެ.