އެމެރިކާގެ މަޝްހޫރު ކޭބަލް ޓީވީ "ހޯލްމާކް" ޗެނަލް އިން ރާއްޖޭގައި ލޯބީގެ ވާހަކައަކަށް ބިނާކޮށް ފިލްމެއް ތައްޔާރުކޮށް އާންމުކޮށްފިއެވެ.

"ލަވް އިން މޯލްޑިވްސް" އަކީ ހޯލްމާކްގެ އެހެން ފިލްމުތަކުގެ ފޯމިއުލާއަށް ފައްތާފައި ތައްޔާރުކޮށްފައިވާ ރޮމޭންސް ޑްރާމާ ފިލްމެކެވެ. ހޯލްމާކް މަގުބޫލު ވެފައިވަނީ އެއް ފޯމިއުލާއަކަށް ބިނާކޮށް ތަފާތު ކުދި ބަޖެޓުގެ ފިލްމުތައް އުފެއްދުމަށެވެ. ގިނަ ފަހަރަށް މި ފިލްމުތަކުގެ ރޯލުތަކުން ފެންނާނީ ހޮލީވުޑްގެ މަގުބޫލު ޓީވީ އެކްޓަރުންނެވެ.

މިފަހަރު ރާއްޖޭގައި ކުޅެފައިވާ ފިލްމުގެ ފިރިހެން ލީޑަކީ ބައެއް ދިވެހީންނަށް އެނގޭނެ އެކްޓަރެކެވެ. އެގޮތުން ނެޓްފްލިކްސްގެ މަގުބޫލު ފެންޓަސީ ޑްރާމާ "ދަ އޯޑާ" ކަމުދިޔަ ފޭނުންނަށް ލީޑް ފިރިހެން އެކްޓަރު އެނގޭނެއެވެ. އެގޮތުން ފިލްމުގެ ލީޑުން ފެންނާނީ ޝޯގެ ލީޑުން ވެސް ފެންނަ ޖޭކް މޭންލީއެވެ. ޖޭކް އާއެކު ފިލްމުގެ ލީޑުން ދެން ފެންނާނީ ޖޯސްލީން ހަޑަންއެވެ.

މި ފިލްމު ބިނާވެފައިވަނީ ޖޯސްލީންގެ ކެރެކްޓަރު ރޭ އަށެވެ. ރޭ އަކީ އެމެރިކާގެ ލައިފްސްޓައިލް ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ. ރޭ މަޝްހޫރު ވެފައިވަނީ އަމިއްލައަށް ދަތުރުތައް ކޮށް އެކަނި ދަތުރުތަކުގެ ތަޖުރިބާ ކުރާނެ ސެގްމެންޓެއް ގެނެސްދޭ ނޫސްވެރިއެއްގެ ގޮތުގައެވެ.

އޭނާގެ އެންމެ ފަހުގެ އެސައިންމެންޓް ވެގެން ދަނީ ރާއްޖޭގެ ރިޒޯޓެއްގައި އެކަނި ދަތުރު ހޭދަ ކުރާނެ ގޮތް ބަލައި ތަޖުރިބާކޮށް އެ ލިޔުމަށެވެ. ނަމަވެސް ރޭ ބޭނުންވަނީ އެއަށްވުރެ ތަފާތު ވާހަކައެއް ގެނެސްދިނުމަށެވެ. އެއާއެކު ރިޒޯޓުގެ ގެސްޓް އެކްސްޕީރިއެންސް މެނޭޖަރު ޖޭރެޑްގެ ފަރާތުން އިވިގެން ދަނީ ރާއްޖޭގެެ ފަރަކަށް އަރާފައިވާ ބޯޓެއްގެ ތެރޭގައި ތާރީހީ ހަޒާނާތަކެއް ހުރި ކަމަކަށެވެ. ރޭ ދެން ބޭނުންވަނީ އެކަމުގެ ހަގީގަތް ހޯދުމަށެވެ. މި ހަގީގަތް ހޯދުމަށް އުޅުމުގެ ތެެރޭގައި ރޭ އާއި ޖޭރެޑްގެ ދެމެދުގައި ލޯބި އުފެދެއެވެ. އަދި އެންމެފަހުން ރޭގެ ވަޒީފާ އާއި ޖޭރެޑް އާ ދެމެދުން އެކައްޗެއް އިހުތިޔާރު ކުރަން މަޖުބޫރުވެއެވެ.

އިއްޔެ ޑިޖިޓަލް ކޮށް ނެރުނު މި ފިލްމުގައި ރާއްޖެއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. އޭގެތެރޭގައި ތެދު ނޫން އެކި ވާހަކަތައް ވެސް ހިމެނެއެވެ. އެގޮތުން ފަރަށް އެރި ބޯޓުގެ ހަގީގަތާއި އެ ނޫން ވެސް ބައެއް ވާހަކަތަކަކީ ފިލްމަށް ތައްޔާރުކޮށްފައިވާ ތެދު ނޫން ވާހަކަތަކެކެވެ.

ފިލްމުގައި އެމެރިކާގެ އެކްޓަރުންގެ އިތުރުން ދިވެހިން ވެސް ފެނިގެންދެއެވެ. އެގޮތުން ސަޕޯޓިން ރޯލަކުން ރާއްޖޭގެ އަރަމުން އަންނަ ޒުވާން ތަރި ރަފްހާން ޝަރީފް އެ ފިލްމުގައި ފެންނައިރު އިތުރު ރޯލުތަކުން ވެސް ދިވެހިން ފެނެއެވެ.