ނ. ވެލިދޫގައި ޕީޕީއެމްގެ އޮފީސް ހުޅުވަން ދިޔަ ޓީމަށް އެމްޑީޕީގެ މެންބަރު ހުރަސް އަޅަން މަސައްކަތްކުރި ކަމަށް ޕީޕީ އެމުން ބުނެފި އެވެ.

ޕީޕީއެމްގެ ވަގުތީ ނާއިބު ރައީސް އަބުދުއްރަހީމް މިއަދު ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން މަސައްކަތް ކުރީ އެމީހުން ވެލިދު އަށް ނާރުވަން ކަމަށާއި ނަމަވެސް ވެލިދުއަށް ދިއުމަށް ފަހު މިހާރު ޕީޕީއެމްގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ފެށިގެން ކުރިއަށްދާ ކަމަށެވެ.

"ވަރަށް ކާރޫ ބާރޫ ބޮޑުކޮށް ދިޔައީ އެމްޑީޕީގެ ސަޕޯޓަރުން ވެލިދުއަށް އަޅުގަނޑުމެން ނާރުވަން މަސައްކަތްކުރީ ނަމަވެސް ފުލުހުންގެ ވެސް އެހީތެރިކަމާ އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ އެހީއާ އެކު މިރަށް އެރުނީ. އަދި އެ މީހުން އަޅުގަނޑުމެން ފަހަތުން އަޑުގަދަކުރަމުން ވެސް އައި. އެމީހުން މަސައްކަތް ކުރީ ހަމަނުޖެހުން އުފައްދަން،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އިން އެބޭފުޅުން އެ ރަށަށް ނާރުވާން އުޅުނު ސަބަބު ދަންނަވަން ނޭނގޭ ކަމަށާއި އެމްޑީޕީ މީހުން ޖަލްސާ ކުރާ ސަރަހައްދުގައި މުޒާހަރާކޮށް އަޑުގަދަ ކުރަމުން ދިޔަ ކަމަށެވެ.

ޕީޕިއެމުން މިހާރު ނ. އަތޮޅަށް ކުރާ ދަތުރުގައި އެ އަތޮޅު މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތި ލައްވާ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް މާފަރަށް ކުރި ދަތުރު ނިންމާލުމަށް ފަހު ޕީޕީއެމްގެ ޓީމް ވަނީ ވެލިދު އަށް ގޮސްފަ އެވެ.

ނަމަވެސް އެމްޑީޕީ އަށް ނިސްބަތްވާ ވެލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ އެ ރަށަށް އެއްވެސް ބަޔަކު ނާރުވާން އެމްޑީޕީގެ މެންބަރުން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ޕީޕީއެމުން އައި މީހުންނާ ދެކޮޅަށް މުޒާހަރާކުރި ކަމަށެވެ. މުޒާހަރާކުރި އިރު ދެބައި މީހުންގެ ތެރެއިން ހަމަނުޖެހުމަކަށް ދިޔައިރު އެމްޑީޕީގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.