03 Apr 2023, 10:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތުތައް އިސްލާމީ ދުނިޔެއިން ބަލައިގަންނަ ކަމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުޙައްމަދު ހަލީލް ވިދާޅުވެއްޖެއެެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވާ އޭނާ ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމީ ދުނިޔެ އާއި މެދުއިރުމަތި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވުމަށް ޓަކައި އެމަނިފާނާއެކު ހުންނެވި ކަމަށެވެ.
ހަލީލްގެ އިތުރުން ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ހުސައިން ދީދީ ވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ދައުވަތު މިހާތަނަށް ގަބޫކޮށްފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ. މީގެ އިތުރުން ކުރިން އިދިކޮޅުގައި އޮތް، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުތުމާ މެދުގައި އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.