03 Apr 2023, 09:19
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި ފްލެޓުތަކުގެ ކައިރީގައި ކުނިވާ ޒާތުގެ ގިނަ އަދަދެއްގެ ކުނި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތިރުދާނެ ކަމުގެ ބިރު ހީވެ، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅު ކޮށްފިއެވެ.
އެ ސަރަހައްދަކީ ހިޔާ ފްލެޓުތަކާ ނުހަނު ކައިރި ސަރަހައްދަކަށް ވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅު ކުރަމުންނެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާގެ މެމްބަރު މައުމޫން އަލީ، އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަމުން ބުނީ، އެފްޑީސީގެ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ލޭބާ ކުއާޓާ ހުންނަނީ އެ ސަރަހައްދުގައި ކަމަށެވެ.
މައުމޫން ބުނީ އެތަނަށް ކުނިވާ ޒާތުގެ ކާއެއްޗެހި އަޅަނީ އެ މީހުންކަމަށާއި އެ ކުނިތައް ގިނަ ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އޭގެ އުނދަގޫތައް ވަމުން ދާ ކަމަށެވެ.
ޚާއްސަކޮށް އެ ސަރަހައްދުގައި ހުންނަ މިސްކިތަށް ނަމާދަށް އަރާ މީހުންނަށް ވެސް އުނދަގޫ ވާ ކަމަށް މައުމޫން ބުންޏެވެ.
"އެ ސަރަހައްދުން ދުވަނީ ހަމަ ފުޅަ ވަސް. ވައި ޖެހޭ ގޮތުން ބައެއް ފްލެޓު ތަކަށް ވެސް އެ ވަސް ދުވާ. އެ ސަރަހައްދުގައި މެހި ވެސް އެހާ ގިނަ. އޭގެ ސަަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް،" މައުމޫން ބުންޏެވެ.
އިތުރަށް ވާހަކަދައްކަމުން އޭނާ ބުނީ އެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެފްޑީސީއަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ކުނިތައް ނަގަން ޖެހޭނީ އާބަންކޯއިން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށެވެ.
މައުމޫން ބުނީ މައްސަލަ ބޮޑުވެ އެންމެ ފަހުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމާއެކު އެތަނުގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުނިތައް ގެންދިޔުމުގެ ބަދަލުގައި އެ ސަރަހައްދާ ކައިރި ހިސާބެއްގައި ވަޅުގަނޑެއް ކޮނުމަށްފަހު އެ ކުނިތައް ވަޅުލީ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެފްޑީސީގެ ބަހެއް ހޯދަން 'ސަން' އިން މަސައްކަތް ކުރި ނަމަވެސް އެ ކޯޕަރޭޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.