ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ހަޅުތާލު ހުއްޓާލުމަށް ފަހު މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތަކުގެ މަސައްކަތްކުރާ އިންޑިއާގެ މަސައްކަތު މީހުންނަށް މުސާރައާއި ކެއުން ނުދީގެން އެ މީހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު މަސައްކަތްކުރުން ހުއްޓާލައި، ހަޅުތާލު ކޮށްފައެވެ.

އެކަމާ ގުޅިގެން އެފްޑީސީން ބުނީ، ހަޅުތާލު ކުރި މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ހަޅުތާލު ކުރުން ހުއްޓާލައި، މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އެފްޑީސީން ބުނީ އެކަމާގުޅޭ މައުލޫމާތު ލިބުނު ވަގުތުން ފެށިގެން މުވައްޒަފުންނާއި ކޮންޓްރެކްޓަރާ ދެމެދު ހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލު ކޮށްދިނުމަށް އެދި އެ ކޯޕަރޭޝަނުން ކޮންޓްރެކްޓަރަށް ބާރުއަޅަމުން ދިޔަ ކަމަށެވެ.

މިހާރު ހުރިހާކަމެއް ހައްލު ކުރެވިފައިވާކަމަށާއި، މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަށްކޮށް އެކަންކަން ހަމަޖައްސައިދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ. އަދި އެ ކޯޕަރޭޝަނުން މިކަން ވަރަށް ގާތުން ބަލަމުން ދާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ދާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ކުރިޔަށް ދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެމްސީގެ މުވައްޒަފުންގެ ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ ބުނެފައެވެ. އެގޮތުން އެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަށް އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ބުދަ ދުވަހު ޒިޔާރަތް ކޮށްފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ޖޭއެމްސީއާ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކުރީ މިދިޔަ އަހަރުއެވެ.