02 Apr 2023, 20:36
ރަމަޟާން ކުރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި މިއަދު ކުޅުނު ސެމީފައިނަލް މެޗުތައް އެމްއޭސީއެލް އާއި އޭއާރުސީ ކާމިޔާބުކޮށްފިއެވެ.
މިއަދު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި ސުގާ ކޯން އެވެ. މިމެޗް އެމްއޭސީއެލް ކާމިޔާބުކޮށްފައިވަނީ 89 ލަނޑުންނެވެ. ޓޮސް ދިމާވުމުން އެމްއޭސީއެލް ގަސްދުކުރީ ކުޅުމަށެވެ.
އެ ޓީމް ކުޅެން އަރައި އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 189 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެމްއޭސީއެލަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 35 ލަނޑު ހެދި އިސްމާއީލް އަލީ އެވެ. މީގެ އިތުރުން އަލީ މައުރޫފް އާއި މުހަންމަދު ސާފީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ، 31 ލަނޑު ހަދާފައެވެ.
ޖަވާބުގައި ސުގާ ކޯން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، އެޓީމަށް ހެދިފައިވަނީ 100 ލަނޑެވެ. ސުގާ ކޯންއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 31 ލަނޑު ހެދި އަހުމަދު އަލީ އާއި، 21 ލަނޑު ހެދި އިބްރާހިމް އަލީއެވެ.
މިއަދު ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އޭއާރުސީ އާއި މީޓިއޯސްއެވެ. މިމެޗު އޭއާރުސީ ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް ސެމީފައިނަލް ދެވަނަ މެޗްގައި މިއަދު ހަވީރު އޭއާރުސީ އާއި މީޓިއޯސް ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓޮސް ދިމާވުމުން މީޓިއޯސް ގަސްދުކުރީ ކުޅުމަށެވެ. އެޓީމް ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ، 35 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.
ޖަވާބުގައި އޭއާރުސީ ކުޅެން އަރައި ހަ ވަނަ އޯވަރުތެރޭ އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 99 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 34 ލަނޑު ހެދި އިބްރާހިމް ނަސާތާއި، 30 ލަނޑު ހެދި އިބްރާހިމް ހުސޭނެވެ.
ރަމަޟާން ކުރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ފައިނަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެ ޓީމް ކަމަށްވާ އެމްއޭސީއެލް އާއި އޭއާރުސީ ބައްދަލުކުރާ މެޗްގެ ކުޅުން އޮންނާނީ, މާދަމާ ހަވީރު މާލޭ ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައެވެ.