21 Apr 2012, 16:04
ދިރާގުގެ ސަބުމެރީން ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން ވަތަނިއްޔާގެ ކޭބަލުން ދިރާގަށް ކެޕޭސިޓީ ދިނުމަށް ނިންމައިފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކުޓިވް އިބުރާހިމް އިމްޖާދު ޖަލީލު މިއަދު ވިދާޅުވީ ވަތަނިއްޔާ އިން ހިދުމަތް ހޯދުމަށް ނިންމާފައިވާ ކޭބަލަކީ އިންޑިއާގެ ވާ ވޮފް އިންޓަނޭޝަނަލްގެ ކޭބަލެއް ކަމަށާއި ދިރާގުގެ ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން އެ ކޭބަލް މެދުވެރިކޮށް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
"މިކޭބަލްގެ އެހީ ލިބުމުގެ ސަބަބުން މިހާރަށް ވުރެ ހިދުމަތް ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން މިހާރު މިދަނީ ސެޓްލައިޓްގެ އެހީގައި ވެސް ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން." އިމްޖާދު ވިދާޅުވި އެވެ.
އެ ކޭބަލުން ކެޕޭސިޓީ ދިނުމަށް ހަމަޖައްސާފައި ވަނީ ސްރީލަންކާއާ ހަމައަށެވެ.
ވަތަނިއްޔާ އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވަތަނިއްޔާ ޓެލެކް މޯލްޑިވްސްގެ ސަބްމެރީން ކޭބަލް މެދުވެރިކޮށް، ދިރާގުގެ ސަބްމެރީން ކޭބަލަށް ލިބިފައިވާ ގެއްލުން ފޫބެއްދެންދެން، ކެޕޭސިޓީ ދިރާގަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަން ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
ދިރާގުގެ ސަބުމެރީން ކޭބަލް އަށް ޓެކުނިކަލް މައްސަލައެއް ދިމާވެފައި ވަނީ ސްރީލަންކާ އާއި ގާތްގަނޑަކަށް 26 ކިލޯ މީޓަރު ބޭރުން ކަނޑުގެ 40 މީޓަރު އަޑިން ކަމަށެވެ.