03 Aug 2010, 14:44
19:00
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޤާނޫނުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމާއި އެ ދެ ތަނުގެ މުދަލާއި ފައިސާ އާއި މުވައްޒަފުން އެކުންފުންޏަށް އަދިވެސް ލިބިފައިނުވާތީ، އެކަން ހައްލުކޮށްދިނުމަށް އެދި ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ އެމްބީސީން ހުށަހަޅައިފި އެވެ.
އެމްބީސީގެ ޤާނޫނުގައިވާ ގޮތުގައި، އެ ޤާނޫނު ތަސްދީގުވުމާއެކު ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް އެމްބީސީގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އަދި އެ ދެ އިދާރާގައި ހުރި މުދަލާއި ފައިސާއާއި މުވައްޒަފުންވެސް އެ ކޯޕަރޭޝަންގެ ދަށަށް ބަދަލުވާނެ ކަމަށް ބުނެފައިވެ އެވެ.
އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އެމްއެންބީސީގެ ދަށުން ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ކުރިއަށް އޮތް ތަނުގައި ވެސް ހިންގަމުންދާ ގޮތަށް ހަމަޖައްސައި، އެމްއެންބީސީން ހިއްސާ ވިއްކަން ނިންމައި، ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު އެމްބީސީއާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި މުދަލާ ފައިސާ ހޯދުމަށް ބޭނުންވާނަމަ އެމްބީސީން އެކަން ކުރަންޖެހޭނީ ކޯޓަށް ގޮސްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެހެންކަމުން، އެމްބީސީއަށް ލިބެންޖެހޭ ޓީވީއެމާއި އަޑާ އެ ދެތަނުގެ މުދަލާއި ފައިސާ އަދިވެސް ލިބިފައިނުވާތީ، ކުންފުނީގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ، މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށާއި އެޓާނީ ޖެނެރަލަށާއި ފިނޭންސް މިނިސްޓަރަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް އިއްޔެ ވަކިވަކި ދަންނަވާފައިވާނެ ކަމަށް އެމްބީސީގެ ޗެއާޕަރސަން އިބްރާހިމް އުމަރު މަނިކު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެންބީސީގެ ހިއްސާ އާއްމުންނަށް ވިއްކާ ގޮތަށް މިހާރު އެކުންފުނިން ހަމަޖައްސާފައިވަނީ އެކަން އެގޮތަށް ކުރުމުގެ އެއްވެސް ޤާނޫނީ ހައްސިއްޔަތެއް ނެތި ކަމަށް އެމްބީސީން ދެކޭ ކަމަށް ވެސް އިބްރާހިމް އުމަރު މަނިކު ވިދާޅުވި އެވެ. އެހެންކަމުން އެމްއެންބީސީގެ ހިއްސާ ވިއްކުމުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބައިވެރިނުވުމަށް އިއްޔެ އެފަރާތުގައި އެދިފައިވާނެ ކަމަށް ވެސް އިބްރާހިމް އުމަރު މަނިކު ވިދާޅުވި އެވެ.