ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ އިންޓާނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން، ޑަން ބޮކިން، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ސީއައިޑީސީއޭގެ ވައިސް ޗެއާމަން ވަނީ، ރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެގައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ސީއައިޑީސީއޭގެ ވައިސް ޗެއާ، ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން --

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުންފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި ސިއްހީ ޚިދުމަތްތަކާއި އުމުރާނީ ތަރައްގީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ސީއައިޑީސީއޭގެ ވައިސް ޗެއާ، ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން --

މި ބައްދަލުކުރެއްވުމުގައި އެކަންކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެެރި މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްސަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ނައިބު ރައީސް ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސާއި ސީއައިޑީސީއޭގެ ވައިސް ޗެއާމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާ ޗައިނާގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން، ކުރިޔަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.