ކުރީގެ ރުމާލު 2 ޖަގަހަ އާއި ޕޮލިސް ޓޯޔާޑާ ދެމެދުގައިވާ ގުދަނަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށް އެ ކައުންސިލުން ދައުވާ ކުރަނިކޮށް ޔޫތު މިނިސްޓްރީން ހެއްކާ އެކު ސިޓީ ކައުންސިލްގެ ވާހަކަތައް ދޮގުކޮށް ރައްދު ދީފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގުދަނުގައި ހުރި މުދާތައް ގެންދިޔުމުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ސިޓީ ކައުންސިލުން ގެންގޮސްފައިވާ ކަމަށާއި، ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް އެ ފަރާތުން ޒިންމާ އުފުލަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ސިޓީ ކައުންސިލުން ވަނީ އެ ގުދަން ހުރި ބިމަކީ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއް ކަމަށް ބުނެފައެވެ. އަދި އެ ގުދަނަކީ ގަވާއިދާ ޚިލާފަށް ކައުންސިލްގެ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ އެތަނުގައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށާއި، ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަހަނާޅާނަމަ އެ ގުދަން ރޫޅާލައި އެ ގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާނު ކުރި ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށް، އާ ތަޅެއް ލައި މުދާ ނެގުމަށް މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ އަމަލަކީ މި މިނިސްޓްރީގެ ބިމަކަށް ވެރިވެގަނެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލެކެވެ. އެހެނީ، މިނިސްޓްރީގެ ހުއްދައެއް ނެތި، މިނިސްޓްރީގެ މުވައްޒަފުންގެ ޣައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާ ކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަތްލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެއެވެ.ޔޫތު މިނިސްޓްރީގެ ބަޔާން

ސިޓީ ކައުންސިލަށް ރައްދު ދީ ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބިމަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި 2019 ވަނަ އަހަރުގެ މެއި މަހު ޔޫތު މިނިސްޓްރީއަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެއް ކަމަށާއި އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ވެސް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ޔޫތު މިނިސްޓްރީން ވަނީ ޕްލޭނިން މިނިސްޓްރީން އެ ބިން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަން އަންގައި ފޮނުވި ސިޓީ ވެސް އާންމުކޮށްފައެވެ. މީގެއިތުރުން، އެ ބިމުގައި ސްޕޯޓްސް ސެންޓަރެއް ހަދަން ނިންމައި އޭގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީޚްތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް އެމިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ސިޓީ ކައުންސިލާ އެކު އެ ބިމާ ގުޅޭގޮތުން އެކި ފަހަރު މަތީން މުއާމަލާތްތައް ކޮށްފައިވަނިކޮށް، ގަވާއިދާ ހިލާފަށް އެތަނުގައި ހުރި ތަކެތި ނެރެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި ވާތީ އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ. އަދި، ކައުންސިލުން ހިންގާފައިވާ އަމަލަކީ މިނިސްޓްރީގެ ބިމަކަށް ވެރިވެގަނެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލެއް ކަމަށް މިނިސްޓްރީން ވަނީ ތުހުމަތު ކޮށްފައެވެ.