ވިލާ ރިސޯޓްސްގެ ދަށުން ހިންގަމުން އަންނަ ރިސޯޓްތަކުގެ ނަންތައް ބަދަލުކޮށް، އެ ރިސޯޓްތައް ރީބްރޭންޑްކޮށްފިއެވެ.

އެގޮތުން ކުރީގެ ވިލާ ރިސޯޓްސް އެންޑް ހޮޓެލްސް ގެ ނަމަށް ގެނައި ބަދަލާއެކު، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ރިސޯޓްތަކުގެ ނަންތައް މި ވަނީ ބަދަލުކޮށްފައެވެ. ވިލާ ރިސޯޓްސް އެންޑް ހޮޓެލްސްގެ ނަން ބަދަލުކޮށްފައި ވަނީ ވިލާ ރިސޯޓްއަށެވެ.

މި ބްރޭންޑިންއާ އެކު، ވިލާ އިން ހިންގަމުން އަންނަ ޕެރެޑައިސް އައިލެންޑް ރިސޯޓްގެ ނަން ވިލާ ނޮޓިކާ މޯލްޑިވްސްއަށް ބަދަލުކޮށް، ސަން އައިލެންޑްގެ ނަން ވެސް ވިލާ ޕާކަށް ވަނީ ބަދަލުކޮށްފައެވެ. އަދި އަލުން ތަރައްގީ ކުރުމަށް ފަހު މި އަހަރު ފަހުކޮޅު ހުޅުވަން ނިންމާފައިވާ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ވެސް "ވިލާ ހެވަން"އަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން "ވިލާ ވިލެޖް"އަށް ބަދަލުކޮށް ހުޅުވަން ވެސް ވަނީ ނިންމާފައެވެ. އަދި ފަން އައިލެންޑް ހޮޓެލް ރިސޯޓް ސްޕާ އަލުން ތަރައްގީކޮށް، މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި 2027 ވަނަ އަހަރު ވެސް ވަނީ ހުޅުވަން ނިންމާފައެވެ.

ވިލާ ރިސޯޓްސް އިން އިތުރު ދެ ރިސޯޓެއް ތަރައްގީކުރަމުން އަންނަ ކަމަށް ވެސް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރ. މާނެންފުށީގައި ތަރައްގީ ކުރަމުން އަންނަ "ވިލާ އީޑްން" ރިސޯޓެވެ.